ޕީއެންސީގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ގުނަނިކޮށް ގްރޫޕަކުން ވަދެ މުދަލަށް ގެއްލުންދީ، އެ ތަނުގައި ތިބި މީހުންނާ މެދުގައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ ދެ މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ކާމިލް ދީދީ ސްކޫލްގައެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ދެ ގްރޫޕެއްގެ ދެމެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، އެކަކު އަނެކެއްގެ ގައިގައި އަތްލައި ބޮޑު މާރާމާރީއެއް ވަނީ ހިންގާފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި އެކަކު އަނެކަކާ ދިމާޔަށް ގޮނޑި އުކާ މަންޒަރު ވެސް ފެނެ އެވެ.