Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

މި ސަރުކާރަށް ޑޮލަރު ލިބެނީ އެމްޑީޕީގެ އެއްބަސްވުންތަކުން

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: އެމްޑީޕީ

މި ސަރުކާރަށް މިހާތަނަށް ޑޮލަރެއް ލިބެނީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ކަމަށް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި 'ޑޮލަރެއް ނެތް' ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަމުން އަމީރު ވިދާޅުވީ މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މި ސަރުކާރަށް ބޭރު ގައުމަކުން އެއްވެސް ޑޮލަރެއް ގެނެވިފައިނުވާ ކަމަށާއި ރާއްޖޭގެ އެތެރޭގައި ހުރި ޑޮލަރުތައް ބޭނުންކުރަމުން ދަނީ ބޭކާރު ކަންކަމަށް ކަމަށެވެ.

"ދެހާސް ސައުވީހުގައި 2025ގައި 2026ގައި ވެސް ބަޖެޓުގައި ހިމެނިފައި އޮތް އެންމެ ޑޮލަރެއް ވެސް ސަރުކާރަކަށް ނުގެނެވޭ. މިހާތަނަށް މި ދެ އަހަރާއި ބައި ތެރޭގައި ލިބުނު ޑޮލަރެއް ވިއްޔާ ލިބިފައި އޮތީ ކުރީގެ ފަސް އަހަރުގައި އަޅުގަނޑުމެން ސޮއިކޮށްފައި ހުރި އެކި އެގްރީމަންޓުގެ ތެރެއިން،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރުގެ ތާށިކަމަކީ ސަރުކާރުން ކުރާ ބޭކާރު އިސްރާފުތަކާއި، މިވަގުތަށް ކޮންމެހެން ބޭނުންނުވާ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ހިތި ނަތީޖާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އިސްރާފަށް ޑޮލަރު ދިޔަގޮތުގެ މިސާލެއްގެ ގޮތުން ޑްރޯން ގަންނަން 85 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، މިވަގުތަށް ކޮންމެހެން ބޭނުންނުވާ ރަސްމާލެ މަޝްރޫއަށް ގާތްގަނޑަކަށް 230 މިލިއަނަށްވުރެ ގިނަ ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ އިތުރުން، ސަރުކާރުގެ ބޭނުންތަކަށް އެތެރޭގެ ހުރިހާ ޑޮލަރެއް ހުސްކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އާމްދަނީ އިތުރުކޮށްގެން، ޓެކްސް ރޭޓްތަކެއް ބޮޑުކޮށްގެން ލިބުނު ހުރިހާ ޑޮލަރެއްހެން ސަރުކާރުގެ ވޭސްޓޭޖަށާ ސަރުކާރުން ހިންގަން ނުޖެހޭ ބޮޑެތި ޕްރޮޖެކްޓްތަކަށް އަސްލު ބޭނުންކުރުމުގެ ނަތީޖާއަކަށް މި ވެގެން މި ދިޔައީ އަސްލު އަޅުގަނޑުމެންނަށް މިއަދު ބްލެކް މާކެޓްގެ ރޭޓް އިތުރުވެގެން ދިޔަތަން،" އަމީރު ވިދާޅުވި އެވެ.