Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

ބޭރުގައި ކިޔަވަން އަދާލަތުން 20 ސްކޮލާޝިޕް ދެނީ

މެލޭޝިޔާގެ އަލް-ބުހާރީ އިންޓަނޭޝަނަލް ޔުނިވާސިޓީގައި ޑިގްރީއަށް ކިޔެވުމަށް އަދާލަތު ޕާޓީއަށް ލިބިފައިވާ 20 ސްކޮލަޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.

އަދާލަތު ޕާޓީއިން ބުނީ މި ސްކޮލަޝިޕްތަކަކީ މާލީ ގޮތުން ދަތިތައް ހުރި ކުދިންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ހުޅުވާލެވިފައިވާ ފުރުސަތުތަކެއް ކަމަށެވެ. މި ސްކޮލަޝިޕްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަސްކަމަށް އަދާލަތުން ބުންޏެވެ.

މި ސްކޮލަޝިޕްގެ ދަށުން ތިން ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ. އެއީ ވިޔަފާރީގެ ދާއިރާއާއި، ތައުލީމީ އަދި އިޖުތިމާއީ ސައިންސްގެ ދާއިރާގެ އިތުރުން ކޮމްޕިއުޓިންގް (އައިޓީ، ޑާޓާ ސައިންސް އަދި ސައިބާ ސެކިއުރިޓީ) ކަމަށް އަދާލަތުން ބުންޏެވެ.

ސްކޮލަޝިޕަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް:

އުމުރުން 17 އަހަރާއި 23 އަހަރާ ދެމެދުގެ މީހަކަށްވުން.
ކައިވެނިކޮށްގެން އުޅޭ މީހަކަށް ނުވުން.
ގްރޭޑް 12 ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް އޮތުން.
ސީޖީޕީއޭ 2.8 އަށް ވުރެ ދަށްނުވުން (ކޮމްޕިއުޓިންގް ދާއިރާއަށް ނަމަ 3.0 އަށް ވުރެ ދަށްނުވުން).
އިނގިރޭސި ބަހުގެ ފެންވަރު ދެނެގަންނަ އިމްތިހާނެއް (IELTS/TOEFL ފަދަ) ހަދާފައިވުން.
މިވަގުތު އެހެން ތަނެއްގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ކުއްޖަކަށް ނުވުން.
މި ސްކޮލަޝިޕްގެ ދަށުން ކިޔެވުމާއި ދިރިއުޅުމުގެ ގިނަ ހަރަދުތަކެއް ޔުނިވާސިޓީން ބަލަހައްޓާނެއެވެ. ނަމަވެސް، ވިސާ ފީއާއި، މެލޭޝިޔާއަށް ދިއުމުގެ ޓިކެޓް އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކަންޖެހޭ 294 ޑޮލަރު ދައްކަންޖެހޭނީ ދަރިވަރު އަމިއްލައަށްކަމަށް އަދާލަތުން ބުންޏެވެ.

މި ސްކޮލަޝިޕަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އައިޑީ ކާޑުގެ ކޮޕީ، ސީވީ، އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ބެލެނިވެރިންގެ އާމްދަނީ ބަޔާންކުރާ ލިޔުންތައް [email protected] އަށް އީމެއިލް ކުރުމަށް އަދާލަތު ޕާޓީން ވަނީ އެދިފައެވެ.

އަދާލަތުން ބުނީ ދަރިވަރުން ހޮވުމުގައި މާލީ ގޮތުން އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ.