ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނު ޖަލަށްލައްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒު އެމަނިކުފާނު ޖަލަށްލައްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެމަނިކުފާނު ޖަލުގައި ގެންގުޅުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އެކަން ސޯލިހު ކުރެއްވީ ދެވަނަ ދައުރެއް ލިބޭނެ ކަމަށް "ކަހީނުން" އެމަނިކުފާނު ގާތުގައި ބުނުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރާނަން މުއިއްޒު އަނިޔާވެރިވިޔަސް، އެވަރު ކަމެއް ކޮށްފާނެ ކަމަކަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައީސް މުއިއްޒަކީ ވެސް ހިސާބުތަކެއް ޖައްސަވާނެ ބޭފުޅެއް ކަމަށާއި ސަރުކާރު ތެރޭގައި އެމަނިކުފާނު ދެކެ ހިތްހަމަނުޖެހޭ ބޭފުޅުންތަކެއް ތިބި ނަމަވެސް އެމަނިކުފާނު ޖަލަށްލައިގެން ދެކޮޅު ނުޖެއްސޭނެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑެއް ގަބޫލެއް ނުކުރާނަން މުއިއްޒުގެ ވިސްނުން ހުރެދާނެ ކަމަކަށް އަޅުގަނޑު ޖަލުގައި ގެންގުޅޭކަށް،" ޔާމީން ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި މީގެ ކުރިން ޔާމީނަށް ޖަލު ހުކުމެއް އިއްވި އެވެ. ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނަށް ފަސް އަހަރުގެ ހުކުމެއް ދަށު ކޯޓުން އިއްވައި ހައި ކޯޓުން އެ ހުކުމް ދެމެހެއްޓި އެވެ.
އެކަމަކު ސުޕްރީމް ކޯޓުން ނޮވެމްބަރު 2021، ގައި ހުކުމްކުރީ ޔާމީނަށް ޖަމާވީ ދައުލަތުގެ ފައިސާ ކަން ޔަގީން ނުވާތީ، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ނަމަވެސް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލަ އާއި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ދަނީ ހިނގަމުންނެވެ.