Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

ރައީސްގެ ހާއްސަ ސްކޮލަޝިޕް 7 ދަރިވަރަކަށް

މިދިޔަ އަހަރު މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ހަތް ދަރިވަރަކަށް ލިބިއްޖެ އެވެ.

އެއްވަނަ ހޯދި ދަރިވަރުންނަށް ސްކޮލަޝިޕް ހަވާލުކޮށްދެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން މިދިޔަ އަހަރު މި ސްކޮލަޝިޕް ލިބުނީ، ސީއެޗްއެސްއީ ހުޅުމާލޭގެ ހަތަރު ދަރިވަރުންނާއި ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރަކާއި އަރަބިއްޔާ ސްކޫލުގެ ދަރިވަރެއްގެ އިތުރުން ޏ، އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެކެވެ.

ދިވެއްސާއި އިސްލާމް މާއްދާ ހިމަނައިގެން ފަސް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ރައީސް ދެއްވާ ސްކޮލާރޝިޕް ލިބުނީ، ސީއެޗްއެސްއީ ހުޅުމާލެއިން އޭލެވެލް ނިންމި އައިޝަތު ނަބީހާ އަމީން އާއި ލީން އަޙްމަދު ތާރިޤާއި ޔަޝާ ޝާފީ ޝަފީޤުގެ އިތުރުން އަލީ މާއިޝް މުފީދަށެވެ. ދެން މި ސްކޮލަޝިޕް ލިބުނީ ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ހުސައިން ޔަމީން އާއި ޏ. އޭއީސީގެ އައިޝަތު ލީން އަބްދުﷲގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ލައިމް ހުސައިން ހަމީދަށެވެ.

ރައީސްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ގައުމަކުން ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ބަލަހައްޓައިދޭނެ އެވެ. މި ސްކޮލަޝިޕް ދެނީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ، 'ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓް'ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށެވެ.