ވޯލްޑް ކަޕްގައި ކުޅޭ ޓީމުތަކުގެ އަދަދު 64 އަށް ހަދަން ބޭނުންވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
އޭނަ ވިދާޅުވީ ދުނިޔޭގެ ތައްޓަށް ކުޅޭ މި މުބާރާތަކީ މުޅި ދުނިޔެ ޝާމިލުވާ މުބާރާތަކަށް ވާން ޖެހޭ ކަމަށެވެ. އެހެންވެ އެކަމަށް ހުރި ވިސްނުންތަކުގެ ތެރެއިން ވާދަކުރާ ޓީމުތަކުގެ 64 އަށް އިތުރު ކުތަން ބޭނުންވާ ކަަމަށް ވިދާޅުވި އެވެ. އިންފަންޓީނޯ ވިދާޅުވީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ނިންމައިލުމަށް ފަހު މިކަމާ ގުޅޭ ގޮތުން ފީފާގެ ކަމާބެހޭ ކޮމިޓީތަކުން މަޝްވަރާތަކަށް ދާނެ ކަމަށެވެ.
"މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ފަސްދޮޅަސް ހަތަރު ޓީމަށް ހަދަން ބޭނުންވާތީ، އެ އަދަދަށް ޓީމުތަކާ އެކު މުބާރާތް ކުރިއަށް ގެންދާނެ ގޮތްތަކާ މެދު އަހަރެމެން ވަރަށް ފުޅާކޮށް މަޝްވަރާ ކުރާނަން." އޭނަ ވިދާޅުވި އެވެ.
އިންފަންޓީނޯ ވިދާޅުވީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރު ކޮންމެ މުބާރާތާ އެކު ކުރިއަރަމުން އަންނަ އިރު، ކުދި ގައުމުތަކަށް ވޯލްޑް ކަޕުން ފުރުސަތު ލިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެފަދަ ގައުމުތަކުގެ ފުޓްބޯޅަ ކުރިއަރާނީ ވެސް މުބާރާތުން ފުރުސަތު ލިބިގެން ކަމަށް ވިދާޅުވި އެވެ.
ދެހާސް ބާވީހުގެ މުބާރާތާ ހަމައަށް ވޯލްޑް ކަޕް ބާއްވަމުން އައީ 32 ޓީމު ނުވަތަ ގައުމާ އެކީގަ އެވެ. އަދި މި އަހަރަކީ އަލަށް 48 ޓީމާ އެކު މުބާރާތް ބާއްވާ ފަހަރެވެ.
ވޯލްޑް ކަޕަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެ ފުރަތަމަ މުބާރާތް ބޭއްވީ 1930 ގަ އެވެ.
ވޯލްޑް ކަޕް ދެން އޮންނާނީ 2030 ގަ އެވެ. އެ މުބާރާތް ބާއްވާނީ މޮރޮކޯ އާއި ޕޯޗްގަލް އަދި ސްޕެއިންގަ އެވެ.
މިދިޔަ މަހުގެ 11 ގައި ފެށި މި އަހަރުގެ ވޯލްޑް ކަޕް މި މަހުގެ 19 ގައި ނިންމައިލާ އިރު، މުބާރާތުގެ މެޗްތައް ކުރިއަށް ދަނީ އެމެރިކާ އާއި ކެެނެޑާ އަދި މެކްސިކޯ އެވެ. މި އަހަރުގެ މުބާރާތަކީ އަލަށް ތިން ގައުމެއްއި މެޗްތައް ކުޅޭ ގޮތަށް ކުރިއަށް ގެންދާ ފުރަތަމަ މުބާރާތެވެ.