ސަލްމާން ޚާންގެ 'މާތުރަބޫމީ: މޭ ވޯ ރެސްޓް އިން ޕީސް' މި އަހަރު ރިލީޒް ކުރުމުގެ ފުރުސަތު ކުޑަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމަކީ ކުރިން މި އަހަރުގެ އެޕްރީލް 17 އަށް ތާވަލުކުރި ފިލްމެކެވެ. ނަމަވެސް ފަހުން މާތުރަބުމީގެ ބައެއް މަންޒަރުތަކަށް ބަދަލު ގެންނަން ޖެހިގެން ތާރީހެއް ނެތް ގޮތަށް ފިލްމު އޮތީ ފަސްކޮށްފަ އެވެ. ދާދި ފަހުން މީޑިއާތަކުން ވަނީ ފިލްމަށް އާ ތާރީހެއް ކަނޑަނޭޅިގެން އުޅެނީ ސެންސަރު ބޯޑްގައި ފިލްމު ތާށިވެފައި އޮތުމުން ކަމަށް ރިިޕޯޓްކޮށްފަ އެވެ.
އެކަމާ ގުޅިގެން ސަލްމާންގެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ސެންސަރު ބޯޑު އަދި ހުށަނާޅާ ކަމަަށް ބުނެ، އެފަދަ ވާހަކަތައް ނުފެތެރުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފަ އެވެ.
ސަލްމާން ސިފައިންގެ މީހެއްގެ ރޯލު ކުޅެފައިވާ 'މާތުރަބޫމީ' އަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަސްލަކަށް ބަލައިގެން ޑައިރެކްޓަރު އަޕޫރްވާ ލާކިއާ ހަދާފައިވާ ފިލްމެކެވެ.
މީގެ ކާސްޓްގައި ޗިތުރަންދަގާ ސިންގް އާއި އަންކޫރް ބާޓިއާ އަދި އަބިލާޝް ޗައުދަރީ ފަދަ ފަންނާނުން ހިމެނެ އެވެ.
'މާތުރަބޫމީ' އަކީ މި އަހަރު ސިނަމާތަކަށް ގެނައުމުގެ ފުރުސަތު ކުޑަކަމަށް މީޑިއާތަކުން ބުނެފައިވާ އިރު، އެކަމާ ބެހޭ ގޮތުން ފިލްމުގެ ޓީމުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.
ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ފިތުރު އީދުގައި ރިލީޒްކޮށް، ބެލުންތެރިންގެ ފިނި ތަރުހީބެއް ލިބުނު "ސިކަންދަރު" އެވެ. އޭނަ މިހާރު އަންނަނީ ދިލް ރާޖޫ ޕްރޮޑިއުސްކޮށް، ވަމްޝީ ޕައިޑްޕައްލީ ޑައިރެކްޓްކުރާ އެކްޝަން ތުރިލާއެއްގެ މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވަމްޝީގެ ފިލްމަކީ އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ޕްލޭންކޮށްފައިވާ ފިލްމެކެވެ. ފިތުރު އީދު ކުރިމަތި ވަނީ އަހަރުގެ ކުރީކޮޅާ ކަމަށްވާތީ މާތުރަބޫމީ ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ ވަމްޝީގެ ފިލްމަށް ފަހު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.