Last Updated: July 13, 22:22
Tuesday, July 14, 2026
ޚަބަރު

ސޯބެ އަށް މި ދިމާވަނީ ބަހުރުވައިގެ މައްސަލަ!

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަށް އިންތިހާބުވެވަޑައިގަތް އަބްދުﷲ ސޯދިގް (ސޯބެ) މަޖިލީހުގައި މަސައްކަތް ކުރައްވަން ފެއްޓެވި ފަހުން އޭނަ އަށް ބަހުރުވައިގެ މައްސަލަ ބޮޑުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާތަކުގައި އައްޑޫގެ ކުރީގެ މޭޔަރު ވާހަކަ ދައްކަވަނީ އައްޑޫ ބަހުރުވައިންނެވެ. މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވށން މަޖިލީހުގެ ޖަލްސާތަލުގައި މިނިސްޓަރުން ވަޑައިގަތުމުން އެ ބޭފުޅުންނާ ވެސް ސޯބެ ސުވާލު ކުރައްވަނީ އޭނަގެ ރަށު ބަހުންނެވެ.

އެހެންވެ ބައެއް މިނިސްޓަރުންގެ ފަރާތުން މިކަމާ ރުންކުރުވުމުގެ މަންޒަރުތައް ވެސް ދަނީ ފެންނަމުންނެވެ. މިއަދަކީ ވެސް ހަމަ އެކަހަލަ ދުވަހެކެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަޑައިގަތުމުން ސޯބެ އައްޑޫ ބަހުން ދެ ސުވާލެއް ކުރެއްވި އެވެ.

އޭނަ ސުވާ ކުރެއްވީ ހިތަދޫގައި ހުންނަ ފެނަކައިގެ ފެން ޕްލާންޓަށް މައްސަލަ ޖެހި، ފެނުގެ ހިދުމަތަށް ބުރޫ އަރާތީ އާއި ހިތަދޫގައި ސަރުކާރުން އަޅާ ހައުސިން ޔުނިޓުގެ މަސައްކަތް ހުއްޓިފައިވާތީ އެ މަސައްކަތް އަލުން ފަށައި، ޔުނިޓުތައް ހަވާލުކުރާނެ ތާރީހަކާ ބެހޭ ގޮތުންނެވެ.

އެ ސުވާލުތަކާ ގުޅިގެން ހުވަދު އަތޮލަޑް ނިސްބަތްވާ މުއްތޮލިބު ޖަވާބުދެއްވީ ހުވަދޫ ބަހުރުވައިންނެވެ.

"އައްޑޫ ބަހުން ވާހަކަދެއްކީމަ އަޅުގަނޑުު ޖަވާބު ދޭންވީ ހުވަދޫ ބަހުންތޯ؟ ހުވަދޫ ބަހުން އަޅުގަނޑު ކުރިއަށް ގެންދާނަން،" ގދ. ފިޔޯރީ އަށް އުފަން މުއްތޮލިބު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ވިދާޅުވީ ފެނުގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި މި ސަރުކާރު އައި ފަހުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން، ފެން ހޮޅިތަކުގެ މައްސަލަ މިހާރު ދިމާވެގެން އުޅެނީ، މުއްތޮލިބު ވިދާޅުވި ގޮތުގައި، މިދިޔަ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ސޯދިގު ހުންނެވިއިރު، މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔަ ގޮތުންނެވެ.

"ހީވެންނޫ މެމްބަރަސް ކޮންމިއަސް ވަރަކަން ޒިންމާ ނަގަން ޖެހެންނެއި ކަމެކެހެން މި ކަމާއްކޫ." މުއްތަލިބު ވިދާޅުވި އެވެ.

ފެނުގެ މައްސަލައިގެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވި ނަމަވެސް ފްލެޓްތަކާ ގުޅޭ ސުވާލަށް މިނިސްޓަރު ޖަވާބެއް ނުދެއްވަ އެވެ.

ސޯބެ އައްޑޫ ބަހުން ކުރެއްވި ސުވާލުތަކާ ގުޅިގެން ހުވަދު އަށް ނިސްބަތްވާ މުއްތަލިބް އޭނަގެ އަތޮޅުގެ ބަހުރުވައިން ޖަވާބު ދެއްވި އިރު، މީގެ ދުވަސްކޮޅެއް ކުރިން ހެލްތު މިނިސްޓަރު ގީލާ އަލީ މަޖިލީހަށް ވަޑައިގަތް ދުވަހަކު ސޯވެ، ރަށު ބަހުރުވައިން ސުވާލު ކުރެއްވުމުން ގީލާ ވަނީ އެކަމަނާ އަށް އައްޑޫ ބަހުރުވަ ދޭހަނުވާ ކަމަށް ވިދާޅުވެފަ އެވެ.

އަައްޑޫ ބަހުރުވައިން ސޯބެ މަޖިލީހުގައި ކުރިއަށް ވަޑައިގަންނަވާ އިރު، އޭނަ ވިދާޅުވެފައި ވަނީ މާލެ ބަހުރުވަ ދަސްކުރައްވަމުން ގެންދަވާ ކަމަށެވެ.