'ޖުރަސިކް ޕާކް'ގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ސޭމް ނީލް މަރުވެއްޖެ އެވެ.
ދެހާސް ތޭވީހުން ފެށިގެން ކެންސަރަށް ފަރުވާ ހޯދުމަށް ފަހު، ބަލިން ފަސޭހަވިކަން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އިއުލާންކުރި އުމުރުން 78 އަހަރުގެ އެކްޓަރު މަރުވީ ރޭގަ ސިޑްނީގަ އެވެ.
ނީލްގެ މަރާ ގުޅިގެން ހޮލީވުޑްގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށް، އޭނަގެ ހަނދާންތައް ވެސް އާ ކުރަމުންނެވެ. ނީލް ވަނީ 'ޖުރަސިކް ޕާކް' ގެ ތިން ފިލްމެއްގައި ޑރ. އެލަން ގްރާންޓްގެ ރޯލު ކުޅެފަ އެވެ. އެއީ 1993 ގެ 'ޖުރަސިކް ޕާކް' އާއި 2001 'ޖުރަސިކް ޕާޓް 2' ގެ އިތުރުން 2022 ގެ 'ޖުރަސިކް ވޯލްޑް ޑޮމިނަން' އެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ ކްރައިމް ތުރިލާ 'ބްރިންގް ހިމް ޓު މީ' އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ 'ގޮޑްޒިއްލާ އެކްސް ކޮން ސުޕަނޯވާ' އާއި 'ދަ ލާސްޓް ރިޒޯޓް' ހިމެނެ އެވެ.
ނީލް އަކީ ގިނަ އަދަދެއްގެ ޓީވީ އުފެއްދުންތަކެއްގައި މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި 'ޕީކީ ބްލައިންޑާސް' ހިމެނެ އެވެ.