ތައިލޭންޑްގެ ބެންކޮކްގެ ބާއެއްގައި ރޯވެ ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗަޓޫޗަކް ޑިސްޓްރިކްޓްގައި ހިންގަމުން އަންނަ މަޝްހޫރު ރޮންގް ބިއާ ނަ ލަޓް ޕްރާއޯ ބާގައި ރޭ ރޯވި ހާދިސާހައި މިހާތަނަށް 27 މީހަކު މަރުވެފައިވާ އިރު، އެ ހާދިސާގައި އިތުރު 22 މީހަކު ވަރަށް ބޮޑަށް ފިހިފައިވެ އެވެ. އެ މީހުންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ.

ބާގައި ރޯވި ހާދިސާގެ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، ގައިގައި ރޯވެފައިވާ މީހުން ސަލާމަތްވާން ދުވާ ތަން ފެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބާގައި ރޯވީ އެތަނުގެ ސްޓޭޖް ސަރަހައްދުގަ އެވެ. އަދި އޭގެ ފަހުން މުޅި ތަނަށް އަލިފާން ފެތުރި އެތައް ބަޔަކު ނުނުކުމެވި ތާށިވެފައިވެ އެވެ.
ބާގައި އަލިފާން ރޯވި ހާދިސާ ފުުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، މިހާތަނަށް ބެލިބެލުމުން މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓް ޝޯޓެއްވެގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ތައިލޭންޑްގެ ސަރުކާރުން މިހާރު ވަނީ މަރުވި މީހުންގެ އާއިލާތަކަށް އެހީއެއްގެ ގޮތުގައި ކޮންމެ އާއިލާއަކަށް 29،300 ބާތު (880 ޑޮލަރު) ދޭން ނިންމައިފަ އެވެ. އަދި މި ހާދިސާގައި ފިހިގެން ފަރުވާ ދެމުން އަންނަ ކޮންމެ މީހަކަށް 4،000 ބާތު (120 ޑޮލަރު) ދޭން ވެސް ނިންމައިފަ އެވެ.