Last Updated: July 13, 22:22
Tuesday, July 14, 2026
ޚަބަރު

ރައީސް ގަތަރަށް ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ގަތަރަށް ވަޑައިގެންފި އެވެ.

ރައީސް ޤަތަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެޤައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ޝައިޚް މުޙައްމަދު ބިން ޢަބްދުﷲ ބިން މުޙައްމަދު އަލްޘާނީއެވެ. އަރިހުގައި ރާއްޖެއިން ޤަތަރަށް ކަނޑައަޅުއްވާފައިވާ ސަފީރު އާދަމް ޝަރީފު ޢުމަރު ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ޤަޠަރުގެ ކުރީގެ އަމީރު ޙަމަދު ބިން ޚަލީފާ އާލް ޘާނީ އިއްޔެ އަވަހާރަވުމާ ގުޅިގެން ، އެޤައުމުގެ އަމީރުޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށާއި ޤަތަރުގެ ރައްޔިތުންނަށް ދިވެހިރައްޔިތުންގެ ފަރާތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ހަމަދު އަވަހާރަވުމާ ގުޅިގެން އެޤައުމުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ މަންދޫބުން ޤަތަރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ.

އެ ގައުމަށް ރައީސް މުއިއްޒު މިއަދު ވަޑައިގެންނެވި އިރު، ހަމަދު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައިދަނޑިއަށް އެއް ދުވަހަށް ވަނީ ތިރިކޮޮށްފަ އެވެ. އެއީ މިއަދު މެންދުރު 12:00 އިން މާދަމާގެ މެންދުރު 12:00 އަށެވެ.