ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) އިން ފޯރުކޮށްދޭ ކަނޑުމަތީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެ ކުންފުނީގެ ތެޔޮ އުފުލާ ބާޖުތަކުގައި އޮޓޮމެޓިކް ޓޭންކް ގޭޖިން (އޭޓީޖީ) ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ކުންފުނިން ބުނީ މިއީ ތެޔޮ އުފުލާ އުޅަނދުފަހަރުގައި މިފަދަ ސިސްޓަމެއް ހަރުކުރާ ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތުން މިހާރު ފަށާފައިވާ ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން މިހާރު ކުރިއަށް ދަނީ އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ ހުނިކެ ބާޖުގައި މި ސިސްޓަމް ހަރުކުރުމުގެ މަސައްކަތެވެ.
އޭޓީޖީ ސިސްޓަމަކީ ތެޔޮ ޓޭންކުތަކުގައި ހުންނަ ތެލުގެ މިންވަރު ބެލުމަށް ބޭނުންކުރާ ސިސްޓަމެކެވެ. މި ސިސްޓަމް ހަރުކުރުމުގެ މައިގަނޑު ބޭނުމަކީ ތެޔޮ ޓޭންކުތަކުގައި ހުންނަ ތެލުގެ މިންވަރު އެއްވެސް މެދުކެނޑުމެއް ނެތި އިތުބާރާ އެކު ސައްހަކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ސިސްޓަމްގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތަކުގެ ރައްކާތެރިކަމާއި ހަރުދަނާކަން އިތުރުވެ ތެޔޮ ފޯރުކޮށް ދިނުމުގައި މިހާރަށް ވުރެ ފުރިހަމަ އަދި އިތުބާރު ހުރި ޚިދުމަތެއް ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށް އެފްއެސްއެމުން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ޕްރޮޖެކްޓަކީ އެ ކުންފުނީގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްތައް އަވަސް އަދި ފަސޭހަ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.