Last Updated: July 13, 22:22
Tuesday, July 14, 2026
ޚަބަރު

ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކެނޑި ބަޔަކު ހޯދަނީ

ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކެނޑި ބަޔަކު ހޯދަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން އެހެން ބުނީ ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކަނޑާފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއެކު މީހަކު ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި މާލޭ ސިޓީ ކައުންސިލުން ބުނީ އެ ގަސް ކެނޑީ މާލެ ސިޓީ ކައުންސިލުން ނޫން ކަމަށެވެ. އަދި ގަސް ކެނޑިބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ވިލިމާލޭގައި ހައުސިން މަޝްރޫއެއް ހިންގުމަށް މި ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްއާ ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއުގެ ދަށުން ފުރަތަމަ ފުލެޓް އަޅަން ނިންމީ ވިލިމާލޭގެ ފުނަވާ ހިމެނޭ ސަރަހައްދުގައެވެ. ނަމަވެސް އެ ސަރަހައްދުގެ ގަސްތައް ކަނޑަން ޖެހޭތީ ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލައި ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުން ވަނީ ގަސްތައް ނުކަނޑައި، އެހެން ސަރަހައްދެއްގައި ފުލެޓްތަކުގެ އެއް ޓަވަރު އެޅުމަށް ނިންމާފައެވެ.