Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

އައްޑޫ ކައުންސިލް އޮޑިޓް: ޖިނާއީ ތަހުގީގެއް ހިންގަން އަންގަނީ

އައްޑޫ ސިޓީ ކައުންސިލުގެ އޮޑިޓު ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަކުރި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އޮޑިޓު ރިޕޯޓާ ގުޅޭ މައްސަލަތައް ފުލުހަށް ހުށަހަޅައިގެން ތަހުގީގުކުރުމަށާއި އެލްޖީއޭއިން އިންކުއަރީއެއް ހިންގަން ހުށަހެޅުއްވީ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ.

މިގޮތަށް ހުށަހަޅާ ސަބަބެއް ކަމަށް އަޒާން ވިދާޅުވީ، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ 10 މައްސަލައަކީ ޖިނާއީ މައްސަލަތަކަށް ވުމެވެ. އަދި އެލްޖީއޭގެ އިންކުއަރީއެއް ހިންގަން އަޒާން ހުށަހެޅުއްވީ އޭރު ތިބި ގިނަ ކައުންސިލަރުން މިހާރު ވެސް ތިބުމުންނެވެ.

އަޒާންގެ ހުށަހެޅުއްވުން، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރި އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ 2022ވަނަ އަހަރާއި 2023ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު، އަދި 2024ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2023ވަނަ އަހަރާއި 2024ވަނަ އަހަރު ކައުންސިލުން ކުރި ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ.

އަދި އައްޑޫގެ އެކި އަވަށްތަކުން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ 52،000 އަކަފޫޓުގެ 10 ބިމަށް އިއުލާނުނުކޮށް 166،340 އަކަފޫޓުގެ ބިމަކާއި 5،000 އަކަފޫޓުގެ ޕްލޮޓެއް އިތުރުކޮށްދީފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އެގޮތުން، ކައުންސިލުން އިއުލާނުނުކޮށް 162،540 އަކަފޫޓުގެ ބިމެއް އިތުރުކޮށް، އައްޑޫގެ މީދުއާއި ފޭދޫން އަށް ބިމެއްގެ ހެޑް ލީޒް ބަދަލުކޮށްފައިވާ ކަމަށާއި ހިތަދޫން ދޫކުރި ބިމަކަށް އިއުލާނު ނުކޮށް 3،800 އަކަފޫޓުގެ ބިމެއް އިތުރުކޮށްފައިނުވާތީ ކަމަށް ރިޕޯޓުގައިވެއެވެ.

އަދި 2024ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ އާމްދަނީ ފައިސާގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ އެމްްއެމްއޭގައި ހުންނަ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައިނުވެއެވެ. އެގޮތުން، 492،533 ރުފިޔާ ޕަބްލިކް އެކައުންޓަށް ޖަމާނުކުރާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.