Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ކަނޑުއޮތްގިރީގައި ހިކިމަސް ކާރުހާނާއެއް ހުޅުވައިފި

މިފްކޯ އިން ކަނޑުއޮތްގިރީގައި އައިސް ޕްލާންޓަކާއި މަސް ކާރުހާނާ ހުޅުވައިފި އެވެ.

އިއްޔެ ހަވީރު ކަނޑުއޮތްގިރީގައި އޮތް ރަސްމިއްޔާތެއްގައި އެ ދެ ހުޅުވައި ދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ.

އެ ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސްގެ އިތުރުން ފިޝަރީޒް މިނިސްޓްރީ އާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ކަނޑުއޮތްގިރީގައި ހުޅުވި ހިކިމަސް ކާރުހާނާގައި ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާ އިރު ވަރަށް އަވަހަށް ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައް ވެސް ތައްޔާރުކުރަން ފަށާނެކަމަށް މިފްކޯއިން ބުންޏެވެ. އެތަނުގެ ވަސީލަތްތައް ގާއިމުކޮށްފައިވަނީ އެފަދަ ކާރުހާނާއެއްގައި ހުންނަން ޖެހޭ އެންމެ މަތީ ސިއްހީ މިންގަނޑުތަކށް ފެތޭ ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަނަސް ވިދާޅުވީ، މިއީ މިފްކޯއިން ގައުމީ ބާޒާރަށް ހާއްސަކޮށް އުފައްދާ އުފެއްދުންތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މާލެއާ ކައިރިން މިފަދަ ހިދުމަތެއް ފެށުމުން މާލެ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ނެރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުއެއް ލިބޭނެ ކަމަށް އޭނަ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.