Last Updated: July 19, 13:41
Sunday, July 19, 2026
ޚަބަރު

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ހުޅުވާލައިފި

ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސްގެ އޮފީހުން ހުޅުވާލައިފި އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 އާ ހަމައަށެވެ. ރައީސްގެ އޮފީހުގެ ވެބްސައިޓް އިން އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި އާންމުކުރުމާއި ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް ބޭފުޅަކު ކަނޑައަޅުއްވާފައިވަނީ މަގާމަށް ހުޅުވާލުމުން ކުރިމަތިލާ ބޭފުޅުންގެ ތެރެއިންނެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ރައީސެވެ.

މިހާރު ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގައި އައިޝަތު ހަސަން އެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ އޮގަސްޓް 20، 2021 ގަ އެވެ.

ޗީފް ސްޓެޓިސްޓީޝަނަކީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކީ ސްޓެޓިސްޓިކްސް ބިއުރޯ ހިންގުމަށް ފަސް އަހަރުގެ މުއަދަތަކަށް އައްޔަންކުރާ މީހެކެވެ.