ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މިއަދު މާލެ ވަޑައިގެންފި އެވެ.
އެ މަނިކުފާނު އެ ގައުމަށް ފުރާވަޑައިގަތީ އިއްޔެ ހެނދުނު އެވެ.
މި ދަތުރުފުޅަކީ ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލްޘާނީ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށް އިޙުތިރާމު އަދާކުރައްވައި ތަޢުޒިޔާ ދެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ޤަޠަރުގެ ކުރީގެ އަމީރު އުމުރުބން 74 އަހަރުފުޅުގައި އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ރައީސް ގަތަރަށް ކުރެއްވި ދަތުރުގެ ތެރެއިން، ޤަޠަރުގެ އަމީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވި އެވެ.
އަވަހަރާވި ޤަޠަރުގެ ކުރީގެ އަމީރަކީ ރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ އެހީތެރިކަމާއި އެއްބާރުލުން ދެއްވި ބޭފުޅެކެވެ. އެގޮތުން ޤަޠަރު އެއާވޭޒް ރާއްޖެއަށް އޮޕަރޭޓްކުރަން ފެށުމާއި، ހައްދުންމަތީގައި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު ޤާއިމުކުރުމާއި، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ ބިނާކުރުން ހިމެނެ އެވެ.
އެ މަނިކުފާނު، 2005 ގައި ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރެއްވި އެވެ.
ރާއްޖެ އާއި ޤަޠަރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ މެއި 26، 1984 ގަ އެވެ.