Last Updated: July 14, 13:49
Tuesday, July 14, 2026
މުނިފޫހިފިލުވުން

'ތުމްބަޅް 2' އިން އާލިއާ ފެންނާނެކަން ކަށަވަރުވެއްޖެ

'ތުމްބަޅް' ގެ ދެވަނަ ބަޔަކަށް އާލިއާ ބަޓް ސޮއިކުރިކަން ކަށަވަރިކޮށް ދީފި އެވެ.

ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ބަތަލާ އެ ފިލްމަށް ސޮއިކުރިކަން މިއަދު ރަސްމީކޮށް ހާމަކުރީ ފިލްމުގެ ލީޑް އެކްޓަރު ސޯޙަމް ޝާހާ އެކު ނަގާފައިވާ ފޮޓޯތަކެއް މިއަދު ސޯޝަލް މީޑިއާގައި ހިއްސާކޮށެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި މީޑިއާތަކުން ވަނީ 'ތުމްބަޅް 2' ގެ ޝޫޓިންގައި އޭރު އާލިއާ ބައިވެރިވެފައިވާ ކަމަށް ވެސް ބުނެފަ އެވެ. މީޑިއާތަކުން އޭރު ބުނީ ކާސްޓްގައި ނަވާޒުއްދީން ސިއްދީގީ ވެސް ހިމެނޭ މި ފިލްމަށް އާލިއާ އެއްބަސްވީ ކުޅެން ލިބުނު ރޯލު ކުރުވިޔަސް ލިބުނު ކެރެކްޜާ އަކީ ފިލްމުގެ ވާހަކައިގެ ވަރަށް ވަރުގަދަ ރޯލަކަށްވާތީ ކަމަށެވެ.

މިއީ ބިރުވެރި ފިލްމެއްގައި އާލިއާ ހިއްސާވާ ފުރަތަމަ ފަހަރެވެ.

'ތުމްބަޅް 2' ސިނަމާތަކަށް ގެންނާނީ އަހަރުގެ ޑިސެންބަރު 3 ގަ އެވެ. މި ފިލްމު ޑައިރެކްޓަރަކީ 2018 ގައި ރިލީޒްކުރި ފުރަތަމަ ބައިގައި ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހިއްސާވި އަދޭޝް ޕްރަސާދެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި 'ތުމްބަޅް' ޑައިރެކްޓްކުރި ރާހީ އަނިލް ބަރްވޭ އެވެ.

'ތުމްބަޅް 2' އިން އާލިއާ ފެންނާނެކަން ކަށަވަރުކޮށް ދިން އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 3 ގައި ކުރި ޔާޝްރާޖް ފިލްމްސް (ވިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ 'އަލްފާ' އެވެ. އާލިއާ ދެން އެންމެ އަވަހަށް ފެންނާނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަންނަ އަހަރު ޖެނުއަރީގައި ގެނެސްދޭން ނިންމާފައިވާ 'ލަވް އެންޑް ވޯ' އިންނެވެ. އޭގެ ބަތަލުންނަކީ އާލިއާގެ ފިރިމީހާ ރަންބީރް ކަޕޫރްގެ އިތުރުން ވިކީ ކޯޝަލެވެ.