އާސަންދައިގެ ދަށުން އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުން ފަރުވާ ހޯދުމުގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
މިހާރު ވަރަށް އާންމުކޮށް ގިނަ އަދަދެއްގެ ދިވެހިން ފަރުވާ ހޯދަމުން އަންނަ އެ ހޮސްޕިޓަލުން އާސަންދައިގެ ދަށުން ހިދުމަތް ލިބުން މެދުކަނޑައިލީ ދެ ފަރާތުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އާސަންދަ ކުންފުނިން ބުނީ އަމްރިތާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް އެއްކޮށް މެދުކަނޑާނުލާ ކަމަށާއި މިހާރު އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ބަލިމީހުންނަށް ހިދުމަތް ލިބޭނެ ކަމަށެވެ. އެކަމަކު މިހާރު އެއްބަސްވުން އާ ކުރުމުގެ މަރުހަލާގެ ދަށުން އާ ޕޭޝަންޓުން ފޮނުވުން މި ވަގުތައް މަޑުޖައްސާފައިވާ އޮތް ކަމަށް ބުންޏެވެ.
އާސަންދައިން ބުނީ އެއްބަސްވުން އާ ކުރުމުގެ ތެރެއިން މިހާރު ހޮސްޕިޓަލުގެ އަގުތައް އިވެލުއޭޓު ކުރުން ކުރިއަށްދާ ކަމަށެވެ. އަދި އެކަން ނިމުނުހާ އަވަހަކަށް އެއްބަސްވުން އާކޮށް އަލުން ބަލިމީހުން ފޮނުވަން ފަށާނެ ކަމަށް ބުންޏެވެ.
ނަމަވެސް އެކަމަށް ކިހާ މުއްދަތެއް ނަގާނެ ކަމަށް އާސަންދަ ކުންފުނިން ހާމައެއް ނުކުރެ އެވެ.