ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާ އެނބުރި އަންނަ ފިލްމަކީ 'ރޫޕާ' ކަމަށް ބުނެފި އެވެ.
މި ފިލްމު ލޯންޗް ކުރަން އިއްޔެ މުމްބާއީގައި ވަނީ ހާއްސަ ހަފުލާއެއް ވެސް ބާއްވައިފަ އެވެ، އެ ހަފުލާގައި ގޯވިންދާ ބުނީ 'ރޫޕާ' އަކީ އޭނަ ޕްރޮޑިއުސްކޮށް، ލީޑް އެކްޓަރުގެ ރޯލު ކުޅޭނެ ފިލްމެއް ކަމަށެވެ. އަދި ފިލްމުގެ ބަތަލާ އަކީ އަލަށް ތައާރަފުކުރާ ރާނީ ސުވާންކަރެވެ.
ނަމަވެސް 'ރޫޕާ' ގެ ޑައިރެކްޓަރަކީ ކާކުކަމެއް އަދި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ގޯވިންދާ ބިނީ މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށްވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށެވެ. އަދި 'ރޫޕާ' އަކީ ޒުވާނުންނަށް ވަރަށް ހާއްސަ ފިލްމެއް ކަމަށް ވެސް ބުންޏެވެ.
އަށްޑިހަ އާއި ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ގޯވިންދާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގައި ރިލީކޮށް ބަލާނެ ބަޔަކު ނުވި 'ރަންގީލާ ރާޖާ' އެވެ. އޭނަ އެނބުރި އަންނަ ފިލްމަކީ 'ރޫޕާ' ކަން އިއުލާންކުރި އިރު މިހާރު އުމުރުން 62 އަހަރުގެ އެކްޓަރު އެނބުރި އަންނަން އުޅޭ ވާގަކަ ދެކެވޭތާ މިހާރު ވަރަށް ގިނަ ދުވަސްތަކެއްޖެ އެވެ.
ކޮމެޑީ ރޯލުތަކުން ބެލުންތެރިންގެ ހިތްތައް އަތުލުމުގެ އިތުރަށް ގޯވިންދާ އަކީ ނަށަން ވަރަށް މޮޅު އެކްޓަރެކެވެ. ކެރިއަރުގައި 120 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ އެކްޓަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި 'އާނކޭ'، 'ހަމް'، 'ރާޖާ ބާބޫ'، 'ހީރޯ ނަންބަރު 1' އަދި 'ޕާޓްނާ' ހިމެނެ އެވެ.
ގޯވިންދާ ބޮލީވުޑަށް ތައާރަފުވީ 1986 ގެ 'ލަވް 86' އިންނެވެ.
ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު 'ރޫޕާ' އިން އޭނަ އެނބުރި ބޮޑު ސްކްރީނަށް އަންނަން ތައްޔާރުވަމުން އަންނަ އިރު، ދަރިފުޅު ޔާޝްވަރްދަން އަހޫޖާ އަންނަ އަހަރު ބޮލީވުޑަށް ތައާރަފުވާނެ ކަމަށް ބެލެެވެ އެވެ. އެއީ ސާޖިދު ޚާން ޑައިރެކްޓްކުރާ '100' އިންނެވެ.