Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ރައީސް އޮފީސް 2،000ރ. އިން ޖޫރިމަނާކޮށްފި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީސް 2،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އެ އޮފީސް ޖޫރިމަނާ ކުރީ ން ހޯދަން އެދިފައިވާ މައުލޫމާތުތައް، ދީފައިވާ މުއްދަތުގެ ތެރޭގައި ހާމަނުކުރުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އިންނެވެ.

އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އޮފީސް ޖޫރިމަނާކުރީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ އޮފީހުން ހޯދަން އެދޭ މައުލޫމާތުތައް، އެކި ފަހަރު މަތިން ދިން މުއްދަތުތަކުގެ ތެރޭގައި ފޯރުކޮށްދީފައި ނުވާތީ ކަމަށެވެ. މިއީ ގާނޫނުގެ 67 ވަނަ މާއްދާގެ (ނ) ގެ ދެވަނަ ނަންބަރުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބުތަކަށް ހުރަސްއެޅުން ކަމަށް ބަލައި ނިންމި ނިންމުމެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ދާދި ފަހުން ބޭއްވި އަޑުއެހުމެއްގައި އިންފޮމޭޝަން ކޮމިޝަނަރު ވަނީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދާއި، އެ މުވައްޒަފުންނަށް ދެވޭ މުސާރަ އަދި އިނާޔަތްތަކުގެ ތަފްސީލުތައް ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ހާމަކުރުމަށް ރައީސް އޮފީހަށް އަންގައިފައެވެ. އަދި މި މައުލޫމާތުތަކަކީ ހާމަނުކޮށް ހިފޭއްޓޭނެ ފަދަ މަގުބޫލު ގާނޫނީ ސަބަބެއް ރައީސް އޮފީހަށް ދެއްކިފައި ނުވާތީ، އެ މައުލޫމާތު އާންމުކުރުމަކީ ލާޒިމު ކަމެއް ކަމަށް ވެސް ކޮމިޝަނަރު ކަނޑައެޅުއްވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ވަނީ ކަނޑައެޅިފައިވާ 14 ދުވަހުގެ މުއްދަތުގައި އެ މައުލޫމާތު ފޯރުކޮށްނުދީފިނަމަ، އެ މައްސަލަ އިތުރަށް ބަލައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމުގެ އިންޒާރުވެސް ދެއްވައިފަ އެވެ.