Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

މިނިވަން ރަން ބާއްވަނީ

މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން މިނިވަން ރަންގެ ނަމުގައި ހާއްސަ ދުވުމެއް ބާއްވަން ނިންމައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން އިންތިޒާމުކުރާ މި ދުވުން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 27 ގައި ހުޅުމާލޭގަ އެވެ.

އެ ދުވުން އިއްޔެ އިފުތިތާހުކޮށްފައިވާ އިރު، "މިނިވަން ރަން" ކުރިއަށް ގެންދިއުމަށްޓަކައި ވީރަން މޯލްޑިވްސް އާއެކު ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.

މިނިސްޓްރީހެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙްމަދު މުނާޒެވެ. ވީރަން މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވީރަންގެ މެނޭޖަރު ހައްވާ ނީލާ އެވެ.

މި އެއްބަސްވުމުގެ މުއްދަތަކީ ތިން އަހަރެވެ.

"މިނިވަން ރަން" އަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ޖަމާއަތްތަކާއި އަދި ވަކިވަކި ފަރުދުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަންއެކެވެ. މިއީ މިނިވަން ދުވަހުގެ ރޫހާއި ޤައުމީ އެކުވެރިކަން އިތުރަށް ބަދަހިވެ، ސަރުކާރާއި އާންމު ފަރާތްތަކާ ގުޅިގެން ފުރިހަމަ ސިއްޙަތާއި އަދި ހަރަކާތްތެރި ދިރިއުޅުމެއް ބިނާކުރުމަށް، ބާރު އެޅުވުމުގެ މަޤްޞަދުގައި ކުރިއަށް ބާއްވާ ދުވުމެއް ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވީރަން އެޕް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. މި އެޕް މެދުވެރިކޮށް "މިނިވަން ރަން" ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން ރަޖިސްޓްރީ ކުރެވޭނެއެވެ.

މި ދުވުމުގެ ކަންކަން ކުރިއަށް ގެންދަން ހަވާލުކުރި ވީރަން މޯލްޑިވްސް އަކީ އިޖްތިމާއީ ހަރަކާތްތަކާއި، ވާދަވެރި ރޭސްތަކާއި، ކޯޕަރޭޓް ދުވުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ހަށިހެޔޮކަމާއެކު، ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް އެހީވެދޭ ޚާއްޞަ ޖަމްއިއްޔާއެކެވެ.

ރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި 26 އެވެ.