Last Updated: July 19, 13:41
Sunday, July 19, 2026
ޚަބަރު

ބޭސްވެރިކަމަށް ހާއްސަ ގަސްތަކެއް އިންދައިފި

ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް އިންދުމުގެ ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި އެވެ.

މިއީ ސަރުކާރުން ކުރިއަށް ގެންދާ "5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫ" ގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާ ގުޅިގެން އިއްޔެ ގަސް އިންދީ ހުޅުމާލޭގެ ހިޔާ ޕާކް ސަރަޙައްދުގައެވެ.

މީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ބިޔަ މަޝްރުޢޫއަށް އެއްބާރުލުން ދިނުމާއެކު، ރާއްޖޭގެ އާދަކާދައިގެ މަތިން ކުރަމުން އަންނަ ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް، އެފަދަ ގަސްތައް ދިރުވައި އާލާކުރުމެވެ.

ގަސް އިންދުމުގެ ހަރަކާތުގައި ދިވެހި ބޭސްވެރިކަމުގައި އާންމުކޮށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ގަސްތައް އިންދާފައިވެ އެވެ. މި ހަރަކާތަކީ ރާއްޖޭގެ ތިމާވެށި ފެހިކުރުމަށާއި، ދިވެހިވަންތަ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގެ ބިމުން ލިބޭނެ މަގު ފަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ވެސް މެ އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ 2024 ގައި ފެށި މަޝްރޫއެކެވެ.