Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ޖަލުތަކުގައި ހިންގި އޮޕަރޭޝަން ނިންމާލައިފި

ޖަލުތަކުގެ ސަލާމަތީކަންކަން ވަރުގަދަ ކުރުމަށް ހިންގި ސާޗް އޮޕަރޭޝަން ނިންމާލައިފި އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ކަރެކްޝަނަލް ސާވިސް އާއި ފުލުހުން ގުޅިގެންނެވެ.

މިދިޔަ މަހުގެ 22 އިން ފެށިގެން މި މަހުގެ 13 އާ ހަމައަށް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހިންގާފައިވަނީ މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގަ އެވެ.

ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ބެލުމުގެ ދަށުން ކުރިއަށްގެ ންދިޔަ މި އޮޕަރޭޝަނުގެ ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅެވެ.

ޖަލުތައް ބަލައި ފާސްކުރުމަށް ހިންގި މި ހަރަކާތުގައި ފުލުހުންގެ ގިނަ އަދަދެއްގެ ހާއްސަ ފަންކްޝަންތަކުން ބައިވެރިވެފައިވެ އެވެ.

އެގޮތުން އެސްއޯގެ ސްވަޓް ޓީމާއި ކޭނައިންޔުނިޓްގެ އިތުރުން މާލޭ ޕޮލިސް، ހުޅުމާލޭ ޕޮލިސް، ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިސް މި އޮޕަރޭޝަންގައި އަމަލީގޮތުން ބައިވެރިވި އެވެ. މީގެއިތުރުން ޕްރޮޓެކްޓިވް ސެކިއުރިޓީ، މީޑިއާ، އިންޓެލިޖެންސް، ފޮރެންސިކްސް، މޭޖަރ ކްރައިމް އިންވެސްޓިގޭޝަން، އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މުހިންމު ދައުރެއް މި އޮޕަރޭޝަންގައި އަދާކޮށްފައިވެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ފާހަގަކުރި ގޮތުގައި، ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ފުލުހުންނާ ގުޅިގެން މިހާތަނަށް ހިންގި އޮޕަރޭޝަންތަކަށް ބަލާއިރު މިއީ އެންމެ ފުޅާ ދާއިރާއެއްގައި އަދި އެންމެ ކާމިޔާބުކަމާއެކު ކުރިއަށްގެ ންދެވުނު އެއް އޮޕަރޭޝަނެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން އޮޕަރޭޝަން ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅު ވިދާޅުވީ ތިން ހަފުތާއަށް ދެމިގެންދިޔަ މި ބޮޑު ހަރަކާތުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ މުއައްސަސާތަކާއި ފުލުހުންގެ ޚިދުމަތުގެ ފަންކްޝަންތަކުން ގުޅިގެން ކުރި މަސައްކަތުން އޮޕަރޭޝަނުން ބޭނުންވި ހެޔޮ ނަތީޖާ ހާސިލުކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.