Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

އުރީދޫ މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

މި އަހަރު ބާއްވާ އުރީދޫ މޯލްޑިވްސްގެ މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފަ އެވެ.

ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން މި މުބާރާތް މި އަހަރު ބާއްވަން ހަމަޖެހިފައި ވަނީ ކ. މާފުށީގަ އެވެ. އަދި މުބާރާތް އޮންނާނީ
އަންނަ މަހުގެ 7 ހަ އެއެވެ.

އުރީދޫން ބުނީ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށް އޮންނާނެ ކަމަށެވެ. ރަޖިސްޓްރީ ކުރުމަށް 12 މީހުންގެ ޓީމެއް ބޭނުންވާނެ އެވެ.

މި ފަހަރުގެ މަސް ރޭހަށް ޖުމްލަ 43،000ރ. ގެ ފައިސާގެ އިނާމު ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ޗެމްޕިއަން ޓީމަށް 25،000ރ. ދެވަނަ އަށް 10،000ރ. އަދި ތިންވަނަ އަމަށް 5،000ރ. ލިބޭނެ އެވެ.

މީގެ އިތުރުން އެންމެ މޮޅު އަންހެން މަސްވެރިޔާއަށާއި އެންމެ މޮޅު ފިރިހެން މަސްވެރިޔާއަށާއި އެންމެ ބަރު މަސް ބާނާ ފަރާތަށް ވެސް 1،000ރ. ދޭނެ އެވެ.

އުރީދޫން މަސް ރޭހުގައި ގިނަވެގެން 20 ޓީމަށް ވާދަކުރެވޭނެ ކަމަށާއި 20 ޓީމަށް ވުރެ ގިނައިން ރެޖިސްޓާވެއްޖެ ނަމަ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް ފައިސާ ދައްކާ 20 ޓީމަށް ފުރުސަތު ދޭނެ ކަމަށެވެ.

މި މުބާރާތުގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓް ކުންފުނިތަކާއި އާންމުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ފޯރިގަދަ މަސްވެރިކަމުގެ މުބާރާތުގެ ގޮތުގައި ކުރިއަށް ގެންދާ އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ، ރައްޔިތުންގެ މެދުގައި މަގުބޫލު ހަރަކާތެކެވެ.