Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

އުމަރުގެ ރިޔާސީ ކެމްޕެއިނާ ގުޅެން ދައުވަތު ދީފި

ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕެއިނާ ގުޅެން އާންމުކޮށް ހުޅުވާލައިފި އެވެ.

ސޯޝަލް ވީޑިއޯ ވީޑިއޯ މެސެޖަކުން އެ ދައުވަތު ފޮނުވައި އުމަރު ވިދާޅުވީ ފާއިތުވި ގާތްގަނޑަކަށް 20 އަހަރުގެ ތެރޭގައި ކޮރަޕްޓް ސަރުކާރުތައް އައިސް ގޮސް ގައުމު ވަރަށް ބޮޑަށް ދަރަނިކޮށްފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ސަބަބުން ގައުމުގެ މަގުތަކުގެ އަމާންކަން ގެއްލި، ވަޒީފާގެ ހޯދުމަށާއި އަމިއްލަ ވިޔަފާރިއެއް ފެށުމުގައި ޒުވާނުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެހެންވެ ރާއްޖޭގައި ސިޔާސީ ޕާޓީގެ ނިޒާމުން ހިދުމަތް ކުރަނީ ހަމައެކަނި ޕާޓީގެ މެންބަރުންނަށް ކަމަށާއި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ހުށަހަޅާނެ އާ ކަންތައްތަކެއް މިހާރު ނެތް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިއީ ގައުމު ހިންގުމުގެ ނިޒާމަށް އާ ބަދަލުތަކެއް ގެންނަންވީ ވަގުތު ކަމަށާއި ވަރުގަދަ ހަރުދަނާ ލީޑަޝިޕެއް ގައުމަށް ބޭނުންވާ ކަމަށެވެ.

އެގޮތުން ގައުމު އާ މިސްރާބަކަށް ގެންގޮސް ހަމައެކަނި ސިޔާސީ ޕާޓީތަކުގެ މީހުންނަށް ފުރުސަތުތައް ފަހިވުމުގެ ބަދަލުގައި އެންމެންނަށް ވެސް ފުރުސަތު ފަހިކުރުމަށް އުމަރުގެ ކެމްޕެއިނާ ގުޅުމަށް ދައުވަތު ދެއްވާ ކަމަށް ވިދާޅުވި އެވެ.

އެހެންވެ "ހައްލަކީ އުމަރު" ގައި ވޮލަންޓިއާކޮށް ބައިވެރިވާން މެސެޖު ކުރުމަށް އުމަރު އެދިވަޑައިގެންފައިވެ އެވެ.

އުމަރު އަންނަނީ 2008 އިން ފެށިގެން ރިޔާސީ އިންތިހާބުތަކުގައި ވާދަކުރައްވަމުންނެވެ.