މާލޭގެ ނުވަ ކެފޭއެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން އައި 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިި އެވެ.
އެ މީހުން އަތުލައިގަތީ އިއްޔެ ހެނދުނު ޓާސްކް ފޯހުން ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގަ އެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ތިލަފުށީގައި ވެސް މި މަހުގެ 12 ވަނަ ދުވަހު ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ. މި ރެއިޑުގައި 836 ބިދޭސީން ބަލައި ފާސްކޮށްފައިވާ އިރު، އޭގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާތަނަށް ވަނީ އެއްކޮށް ފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއް ޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރަން ވަނީ ނިންމައިފަ އެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހު ކުރިއަށް ދާނެ އެވެ.
އެގޮތުން ބިދޭސީންގެ މައްސަލަ ހައްލު ކުރަން 2024 ގައި ފެށި އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށް ދާނީ ބައޯމެޓްރިކް ޑޭޓާ ނުދީ ތިބި 2،895 ބިދޭސީން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުުރުމުގެ އިތުރުން ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތެވެ.