ހއ. ހޯރަފުށީގެ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބޭ ކުދިންތަކެއް އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން މާރާމާރީގެ ތުހުމަތު ކުރެވެނީ މަރުކަޒުގެ ތިން ކުއްޖެއްގެ މައްޗަށެވެ. އެ ކުދިން މަރުކަޒުން ބޭރަށް ނުކުމެ، ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގައި ދިޔަ ގޮތުގެ ތަފްސީލު ދެނެގަތުމަށާއި، މިކަމުގައި އިހުމާލެއް އޮތްތޯ ބެލުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހޯރަފުށީގައި ގާއިމުކޮށްފައިވާ މި ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ކުށުގެ ވެށީގައި އުޅޭ ކުދިންނާއި، އެކި ކަހަލަ އަހުލާގީ މައްސަލަތައް ދިމާވާ ކުދިން އިސްލާހުކޮށް ތަރުބިއްޔަތު ކުރުމަށް ދައުލަތުން ހިންގާ މަރުކަޒެކެވެ.
އެ ތަނުގެ ކުދިންތަކެއް ބޭރަށް ނުކުމެ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން، އެ ރަށުގެ އާންމުންގެ މެދުގައި ވަނީ ވަރަށް ބޮޮޑު ނުތަނަވަސްކަމެއް ވެރިފަ އެވެ. އަދި ރޭގެ ހާދިސާއާ ގުޅިގެން ރަށުގެ ބައެއް މީހުން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.