Last Updated: July 20, 18:10
Monday, July 20, 2026
މުނިފޫހިފިލުވުން

ރާނީ އަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވަނީ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ އަށް އޮސްޓްރޭލިއާގެ ލަ ޓްރޯބް ޔުނިވަސިޓީން އޮނަރަރީ ޑޮކްޓަރޭޓް އަރުވަން ނިންމައިފި އެވެ.

އޭނަ އަށް މި ޝަރަފު އަރުވަން ނިންމީ އިންޑިއާގެ ސިނަމާ އަށް ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. ރާނީ އަށް ޓްރޯބް ޔުނިވަސިޓީގެ ފަރާތުން އަރުވާ އަޮނަރަރީ ޑޮކްޓަރޭޓްގެ ލިޔުން ރަސްމީކޮށް ހަވާލު ކުރަން ނިންމާފައި ވަނީ މިއަދު ބާއްވާ ހަފުލާއެއްގަ އެވެ.

އެ ހަފުލާ އޮންނާނީ މިހާރު އޮސްޓްރޭލިއާގައި ކުރިއަށްދާ މި އަހަރު އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް) ގެ ތެރޭގަ އެވެ. މި ފެސްޓިވަލަކީ 2010 އިން ފެށިގެން ބާއްވަމުން އަންނަ ފެސްޓިވަލެކެވެ.

މި އަހަރުގެ ފެސްޓިވަލް މި މަހުގެ 13 އިން ފެށިގެން ކުރިއަށްދާ އިރު، ފެސްޓިވަލް ނިންމައިލާނީ މި މަހުގެ 23 ގަ އެވެ.

ފިލްމީ މަސައްކަތްކުރާ 30 އަހަރުވެފައިވާ ރާނީ އަކީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރެއިން އެކެކެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 48 އަހަރުގެ ބަތަލާ އަށް މިދިޔަ އަހަރު ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ. ރާނީގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި 'މަރުދާނީ 3' އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ޑިސެންބަރުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ 'ކިންގް' އެވެ.

ރާނީ އަކީ ބޮލީވުޑްގެ އެންމެ ބޮޑު ސްޓޫޑިއޯ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މިހާރުގެ ޗެއާމަން އަދިތިޔާ ޗޯޕްޅާގެ އަންހެނުންނެވެ. އޭނަ އަކީ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭޖޭ (ޑީޑީއެލްޖޭ) އާއި 'މޮހައްބަތޭ' ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.