Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ވިސާއާ ނުލައި ދިވެހިންނަށް ތައިލޭންޑްގައި 30 ދުވަސް

ރާއްޖެ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުގެ ޓޫރިސްޓުން ތައިލެންޑުގައި ވިސާއާ ނުލާ ތިބެވޭ މުއްދަތު 30 ދުވަހަށް އިތުރުކުރަން ނިންމައިފި އެވެ.

މި ބަދަލު ގެންނަން ނިންމި އިރު، މި ފަހުން ވިސާގެ އުސޫލަށް ގެނައި ބަދަލަކާ އެކު ދިވެހިންނަށް ވިސާއާ ނުލާ ތައިލޭންޑްގައި ތިބެވެނީ 15 ދުވަހަށެވެ.

ނަމަވެސް އެ މުއްދަތު މިހާރު 30 އަށް އިތުރު ކުރަން އެ ގައުމުގެ ކެބިނެޓުން އެގޮތަށް ނިންމި އިއްޔެ އެވެ. އެގޮތުން 93 ގައުމެއްގެ ޓޫރިސްޓުންނަށް ވިސާއާ ނުލާ ތިބެވޭ ގޮތަށް ދޭ 60 ދުވަހުގެ މުއްދަތު އުވައިލަން ނިންމާފައިވެ އެވެ. އެގޮތަށް ނިންމީ ވިސާއާ ނުލާ ދޭ މުއްދަތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި، ގާނޫނާ ހިލާފު ކަންކަން ކޮށް، އެގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭތީ ކަމަށް ބުނެފައިވެ އެވެ.

ވިސާއާ ނުލައި 60 ދުވަހަށް ތިބެވޭ މުއްދަތު އުވައިލި ނަމަވެސް، ކެބިނެޓުން ނިންމީ 59 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި ތިބެން 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އޭގެ ތެރޭގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، އިންޑިއާ އަދި މޯލްޓާ ހިމެނެ އެވެ.

ވިސާ އުސޫލަށް ތައިލޭންޑުން އަލަށް ގެންނަން ނިންމި ބަދަލަށް އަމަލުކުރަން ފަށާނީ ތައިލެންޑުގެ ރޯޔަލް ގެޒެޓުގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ.

ތައިލެންޑްގެ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރާއްޖެ ހިމެނޭހެން 93 ގައުމަށްކަ 60 ދުވަހުގެ ވިސާ-ފްރީ އުސޫލު ތައާރަފްކުރީ 2024 ގެ ޖުލައިގަ އެވެ.

ތައިލޭންޑަކީ މިހާރު ވަރަށް އާންމުކޮށް ދިވެހިން ދަތުރުކުރާ ގައުމެކެވެ.