Last Updated: July 19, 13:41
Sunday, July 19, 2026
ޚަބަރު

ޔޫތު އެންޓަޕްރަނަޝިޕް ފައިނޭންސިން ތައާރަފުކޮށްފި

ޒުވާނުންނަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫތު އެންޓަޕްރަނަޝިޕް ފައިނޭންސިން ތަޢާރަފުކޮށްފި އެވެ.

އެ ސްކީމް ތައާރަފުކޮށް ދެއްވީ މިއަދު ފެށި "ޔޫތު އެންޓްރަޕްރަނާސް އެކްސްޕޯ" ގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ފެސިލިޓީއަކީ އުމުރުން 18-30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލާ ނެގޭ ގޮތަށް ހުޅުވާފައިވާ ފުރުސަތެކެވެ. އެގޮތުން ޝަރުތު ހަމަވާ ޒުވާނުންނަށް 150،000ރ. އާ ހަމައަށް ފައިނޭންސިން ލިބޭނެ އެވެ.

މި ފެސިލިޓީއަކީ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައި ދިނުމަށް ހުޅުވާލެވުނު ފަހި ފުރުސަތެއް ކަމަށް ގައުމީ ބޭންކުން ބުންޏެވެ.

އަހަރަކު 7 ޕަސެންޓްގެ ޕްރޮފިޓް ރޭޓެއްގައި ދޫކުރާ ފެސިލިޓީގެ ދަށުން، ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމާނެ ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ދޭން ހަމަޖެހިފައިވާ އިތު 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެ އެވެ.

ފައިސާގެ އެހީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރީގެ އަމަލީ އިރުޝާދާއި، މެންޓަޝިޕް އަދި ތަމްރީނު ފޯރުކޮށްދީ، ކާމިޔާބު އަދި ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިކަން ވެސް ފޯރުކޮށް ދޭނެ އެވެ.

ބީއެމްއެލް ސީއީއޯ/މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ޒުވާނުންނަށް ތައާރަފުކުރި ފައިނޭންސިން ސްކީމްގެ ސަބަބުން، ޒުވާނުންގެ ޚިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށާއި، ދިގުމުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ބިނާކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއަދުގެ ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް." އޭނަ ވިދާޅުވިއެވެ.