Last Updated: July 20, 18:10
Monday, July 20, 2026
ދުނިޔެ

ލިފްޓް ގޮޅިއެއްގައި ތާށިވެ 6 މީހަކު މަރުވެއްޖެ

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހަދަމުން އަންނަ އިމާރާތެއްގެ ލިފްޓް ގޮޅިއެއްގެ ތެރޭގައި ތާށިވި ބަޔަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ހަދަމުން އަންނަ އޮކްސީ ކިޔާ ޓަވަރުގެ ލިފްޓް ގޮޅިއެއްގައި ތާށިވެ އިއްޔެ މަރުވީ ހަ މީހަކު ކަމަށެވެ. އެ މީހުން އެތަނުގެ ތެރޭގައި ތާށިވީ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފައި ވަނިކޮށެވެ.

މަވެސް އިމާރާތުގައި ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

ލިފްޓް ގޮޅީގެ ތެރޭގައި ތާށިވެ މަރުވި މީހުންގެ ހަށިތައް އެތަނުން ނަގަން ގިނަ އިރުތަކެއް ހޭދަވެފައިވެ އެވެ. އިމާރާތުގައި ރޯވި ހާދިސާއާ ގުޅިގެން ފިހުނު އިތުރު ދެ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހާދިސާ ހިނގި އިރު އިމާރާތުގައި 250 އަށް ވުރެ ގިނަ މީހުން މަސައްކަތްތަކުގައި އުޅުނު ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ބްރަސަލްސްގެ މެދުތެރޭގައި ހަދަމުން އަންނަ އޮކްސީ ޓަވަރަކީ ފްލެޓްތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ބާ ފަދަ ތަންތަން އެކުލެވޭ ގޮތަށް ހަދަމުން އަންނަ ތަނެކެވެ.