Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

މާލޭގެ އިތުރު ޑްރަގް ކެފޭއެއް ބަންދުކޮށްފި

މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި އިތުރު ތަނެއް ބަންދުކޮށްފި އެވެ.

ބަންދުކުރީ މ. ލޭންޑް އޮފް ގާޑްންގެ ބައެއް ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު އަމުރުގެ ދަށުން އެ ތަން ބަންދުކުރީ މި މަހުގެ 13 އިން ފެށިގެން 11 އޮކްޓޯބަރު 11 ގެ ނިޔަލަށެވެ.

މިއީ މާލޭއި މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރި ހަ ވަނަ ތަނެވެ.

މީގެ ކުރިން މިއަހަރުގެ މެއި މަހުން ފެށިގެން މާލޭގެ އިތުރު 5 ތަނެއް ވަނީ 3 މަސް ދުވަހަށް ބަންދުކޮށްފަ އެވެ.

އެ ތަންތަނަކީ:

* ހ. ގުންޒަރު: މެއި 6 އިން އޮގަސްޓް 3 އަށް
* މ. ތަރިވިލާގެ: މެއި 22 އިން އޮގަސްޓު 22 އަށް
* މ. އަމީރާމަންޒިލް ގެ ބައެއް: ޖޫން 1 އިން ސެޕްޓެމްބަރު 1 އަށް
* މއ. ސެވަން އެންޑް ހައުސް: ޖޫން 11 އިން ސެޕްޓެމްބަރު 9 އަށް
* ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ 1 ކޮޓަރި): ޖޫން 25 އިން ސެޕްޓެމްބަރު 24 އަށް

ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. މިފަދަ ތަންތަނަށް ހުއްދަ ނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ބުންޏެވެ.

މާލޭގެ އިތުރުން ކެފޭ އުސޫލުން ޑްރަގްގެ ހިދުމަތް ދެމުން ދިޔަ އައްޑޫގެ ތިން ތަނަކާއި ފުވައްމުލަކުގެ ތަނެއް ވެސް ދާދި ފަހުން ބަންދުކޮށްފައިވެ އެވެ.