Last Updated: July 21, 18:02
Tuesday, July 21, 2026
ދުނިޔެ

ގްރެހަމްގެ މަރުގެ އިބްތިދާއީ ފޮރެންސިކް ރިޕޯޓް

އިބްތިދާއީ ފޮރެންސިކް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ސެނެޓަރު ލިންޑްސީ ގްރެހަމް އަށް ދިމާވީ އަޔޯޓިކް ޑައިސެކްޝަންއޭ ކިޔޭ ޙާލަތެއް ކަމަށާއި، އެކަމުގެ ސަބަބުން އެކަލޭގެ ކުއްލިއަކަށް މަރުވެފައިވާ ކަމަށެވެ.

އެ ޙާލަތުގެ މާނައަކީ އިންސާނާގެ ޖިސްމުގައިވާ އެންމެ ބޮޑު ލޭހޮޅި ކަމަށްވާ އަޔޯޓާގެ އެތެރޭގެ ފަށަލަ ފަޅައިގެން ގޮސް، ހިތުގެ ލޭހޮޅިތަކުގެ ފާރުތަކުގެ ތެރެއަށް ލޭ ފޭދިގެން ދިއުމެވެ. އެ ޙާލަތަކީ ލޭމައްޗަށް ދިއުމުގެ ސަބަބުން ދިމާވާ ޙާލަތަކަށް ވާއިރު، އެއީ ހާޓް އެޓޭކެއް ޖެހުން ފަދަ، އެހެން ނަމަވެސް އެއަށްވުރެ މާ ވޭންގަދަ ތަދުތަކެއް އިޙުސާސްކުރެވޭ ޙާލަތަކަށްވެފައި، އަދި އެއީ ދެނެގަންނަން އެންމެ އުނދަގޫ އެއް ޙާލަތެވެ.

އެ ޙާލަތު ކުރިމަތިވާ މީހުންގެ ތެރެއިން ފަންސާސް އިންސައްތަ މީހުންނަށް ވަގުތުން ހޮސްޕިޓަލަށް ނުދެވޭތީ ދިރި ހުރުމުގެ ފުރުސަތެއް ނުލިބެއެވެ. ހޮސްޕިޓަލާ ހަމައަށް ވާސިލްވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން ސަލާމަތް ނުވަނީ، އެ ޙާލަތު ރަނގަޅަށް ވަޒަންކޮށް ވަގުތުން އޯޕަން ހާޓް ސާޖަރީއެއް ހަދަން ޖެހޭއިރު އެކަން ނުކުރެވުމުގެ ސަބަބުންނެވެ.

އެ ޙާލަތު ކުރިމަތިވެ އެކަމުން ސަލާމަތްވި މީހުން ސިފަކުރާ ގޮތުގައި، އެމީހުންގެ ހަށިގަނޑު، ޚާއްޞަކޮށް ހިތާ ދިމާލުން މޭމައްޗާއި، ބުރަކަށްޓަށް ހީވަނީ މީހަކު މަޑުމަޑުން ވަޅިއެއް ކޮއްޕައިގެން ކޮނެ، ހިތްފަޅަން އުޅޭ ފަދަ އިހުސާސެއް ކުރެވޭ ހެންނެވެ. ސަލާމަތްވި މީހުން ބުނާ ގޮތުގައި، އެއީ މިހާތަނަށް އެމީހުންނަށް ކުރިމަތިވި އެންމެ ވޭންގަދަ އެއް ރިހުމެވެ.

ކުއްލި ފަރުވާދޭ މީހުން ލިންޑްސީ ގްރެހަމް ނޭވާ ލެއްވޭތޯ މަސައްކަތް ކުރަމުން ދިޔައިރު، ބައިގަޑިއިރަށް ވުރެ ގިނައިރު ގްރެހަމް ހޭދަކުރީ، އޭނާގެ މޭގައި އަތްއަޅައިގެން ރޮއި ހޭރުމުގައެވެ. އޭނާ ގޮވަމުން ދިޔައީ، މީހަކު ތޫނު ވަޅިއަކުން އޭނާގެ އެތެރެހަށި ފަޅައި ކުދި ކުރަމުންދާ ކަމަށެވެ. އޭނާއަށް ވާނުވާއެއް ނުވިސްނެއެވެ. ކޮންމެ ސިކުންތަކަށްފަހު ފަހު ސިކުންތެއް ކުރިއަށް ވުރެ ވޭން ބޮޑުކަން އިހުސާސް ކުރެވެމުން ދިޔައެވެ. އަދި މާތް الله ގެ އަމުރުފުޅު ފުރިހަމަ ވަންދެން، އެވޭނުގައި އޭނާ ތެޅިފޮޅެމުން ދިޔައެވެ.

އެ ބައިގަޑިއިރުގެ ތެރޭގައި، އޭނާގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ދިރިއުޅުން ފުނޑުފުނޑުވެގެން ދިޔަ ހުރިހާ ޢާއިލާތަކެއްގެ ވޭން އޭނާއަށް އިޙުސާސް ކުރެވުނު ކަމަށް އުންމީދު ކުރަމެވެ.

ގްރަހަމް މަރުވީ އުމުރުން 71 އަހަރުގައި މި މަހުގެ 11 ގަ އެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.