Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ބޭންކްގައި ޑޮލަރު ނެތޭ ބުނުމަކީ ބޮޑު ގެއްލުމަކަށް ވެދާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު ނެތްކަމަށް ބުނެ ދޮގު ވާހަކަ ފަތުރާ ނަމަ، ރާއްޖޭގެ އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބުން އެކަށީގެންވާ ކަމަށް އެ ބޭންކްގެ ސީއީއޯ/އެމްޑީ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޔޫތު އޮންޓްރަޕްރަނަސް އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ ގައުމީ ބޭންކަކީ ރާއްޖޭގެ އިޤްތިސާދާ ގުޅިލާމެހިފައިވާ ބޭންކެއް ކަމަށެވެ. އެހެންވެ އެ ބޭންކާ ގުޅޭގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށްޓަކައި ދައްކާ ވާހަކަތަކުން ބޭންކަށާއި، ރާއްޖޭގެ އިޤްތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިދާނެ ކަމަށް ވިދާޅު ވިއެވެ.

ޝަރީފް ވިދާޅުވީ، 2021 ގައި ކާޑު މުއާމަލާތްތަކަށާއި، ވިޔަފާރިތަކަށް ޓީޓީ ފޮނުވުމަށާއި، ފުރާ މީހުންނަށް ވިއްކޭ ނަގުދު ފައިސާއާއެކު އެވްރެޖްކޮށް މަހެއްގެ މައްޗަށް ބޭންކުން ޑޮލަރު ވިއްކާ އަދަދަކީ 21 މިލިއަން ކަމަށެވެ.

އެއާ ޚިލާފަށް މި އަހަރު ކޮންމެ މަހަކު އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ވިއްކަމުން އަންނަ ކަމަށް ވިދާޅުވި އެއެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ޑޮލަރު ގަންނަން ލިބޭ ވަރަށް ވުރެ ޑޮލަރު ވިއްކަން ޖެހޭ އަދަދު އިތުރުވުމުން އެކަން މެނޭޖްކުރުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

ރާއްޖޭގައި ޑޮލަރުން ލިބުން ދަތިވުމާއި ޑޮލަރުގެ ކަޅު ބާޒާރާ އުފެދިފައިވާތީ އިދިކޮޅު އެމްޑީޕީން އަންނަނީ އެކިއެކި ފޯރަމްތަކުގައި އެ ވާހަކަ ދައްކައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.