Last Updated: July 20, 18:10
Monday, July 20, 2026
މުނިފޫހިފިލުވުން

އާމިރުގެ ތިން ވަނަ ކައިވެންޏާ ގުޅިގެން ފަތުވާއެއް!

ބޮލީވުޑްގެ މަޝްހޫރު ތަރި، އާމިރު ޚާންގެ ތިން ވަނަ ކައިވެންޏާ ގުޅިގެން އިންޑިއާގެ ދީނީ ޖަމާއަތަކުން އެ ކައިވެނި ސައްހަ ނުވާނެ ކަމަށް ބުނެ ފަތުވާއެއް ނެރެފި އެވެ.

މި މަހުގެ 5 ގައި އާމިރު، 61، ކައިވެނިކުރީ ގޯރީ ސްޕްރަޓް މީހަކާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ގޯރީ 47، އަކީ ނަސާރާ ދީނުގެ މީހެކެވެ.

އާމިރާއި ގޯރީގެ ކައިވެންޏާ ގުޅިގެން އިންޑިއާގެ ދީނީ ޖަމާއަތެއް ކަމަށްވާ މުސްލިމް ޕާސަނަލް ދާރުލް އިފްތާގެ ޗީފް މުފްތީ މައުލާނާ އިބްރާހީމް ހުސައިން ނެރުއްވި ފަތުވާގައި ވިދާޅުވީ އާމިރަކީ މުސްލިމަކަށްވެފައި އޭނަ ކައިވެނިކުރީ ހިންދީއަކާ ކަމަށްވާތީ އެ ކައިވެނި ސައްހަ ނުވާނެ ކަމަށެވެ. އަދި މުސްލިމު ފިރިހެނަކަށް ކާފަރު އަންހެނަކާ ކައިވެނި ކުރުން ހުއްދަ ނުވާނެ ކަމަށާއި އެފަދަ އަންހެނަކާ މުސްލިމު ފިރިހެނަކަށް ކައިވެނި ކުރެވޭނީ އެ އަންހެނަކި އިސްލާމް ދީނަށް ވަނުމުން ކަމަަށް ވިދާޅުވި އެވެ. އަދި ޢައިރު މުސްލިމު އަންހެނުންނާ ކައިވެނިތައް ކުރުމަކީ ވަރަށް ބޮޑަށް މަނާ ކުރައްވާފައިވާ ކަމެއް ކަމަށާއި އެފަދަ ކަންކަން ކުރުމަކީ ހަރާން ކަމެއް ކަމަށް މައުލާނާގެ ފަތުވާގައި ވިދާޅުވި އެވެ.

އަދި އާމިރުގެ މި ކައިވެންޏަކީ އޭނަގެ ތިން ވަނަ ކައިވެނިކަން ފާހަގަކުރައްވައި މައުލާނާ ވިދާޅުވީ ކައިވެނީގެ މުގައްދަސު ގުޅުމަށް ކަމޭ ނުހިތާ އިނދެ ވަރިކޮށް ހަދާ މީހުންނަކީ ކައިވެނީގެ ޒިންމާތައް ވެސް އަދާނުކުރާ މީހުން ކަމަށެވެ. އެހެންވެ އެފަދަ މީހުންނަށް އޮތް ގޮތަކީ ކައިވެނި ނުކުރުން ކަމަށް ވިދާޅުވި އެވެ.

އާމިރު އެންމެ ފަހުން ކައިވެނިކޮށްގެން އުޅުނީ ޑައިރެކްޓަރު ކިރަން ރާއޯއާ އެވެ. ދެހާސް ފަހެއްގައި ކުރި އެ ކައިވެނި ރޫޅައިލީ 2021 ގަ އެވެ. އާމިރާއި ކިރަން އަށް ލިބިފައިވާ ދަރިފުޅަކީ މި އަހަރު 15 އަހަރު ފުރޭ އާޒާދު ރާއޯ ޚާނެވެ.

އާމިރުގެ ފުރަތަމަ ކައިވެންޏަށް ދެ ކުދިން ލިބިފައިވާ އިރު، އޭނަ އާއި ރީނާ ދައްތާ 1986 ގައި ކުރި ކައިވެނި ރޫޅައިލީ 2002 ގަ އެވެ. އެ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅަކީ މިހާރު ފިލްމު ވެސް ކުޅެމުން އަންނަ ޖުނައިދު ޚާން، 33، އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މެއި ރިލީޒްކުރި 'އޭކް ދިން' އެވެ.

އާމިރުގެ އަންހެން ދަރިފުޅަކީ އިރާ ޚާން، 29، އެވެ. އޭނަ ވަނީ 2024 ގައި ކައިވެނިކޮށްފަ އެވެ.

އާމިރު ތިން ވަނަ ކައިވެނިކުރި އިރު، ކުރީގެ ދެ އަނބިންނާއި އޭނައާ ދެމެދު އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.

އާމިރުގެ ތިން ވަނަ ކައިވެންޏާ ގުޅިގެން ހިންދޫންގެ ބަޔަކު ވެސް ކަންބޮޑުވުން ފާޅުކޮށް އިންޒާރުތަކެއް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދީފައިވެ އެވެ.