މަސްތުވާތަކެތީގެ ހިދުމަތް ދޭތީ ދާދި ފަހުން އައްޑޫ މަރަދޫފޭދޫން ބަންދުކުރި އުންމީދު ގެއަށް ވަދެ އަމުރާ ހިލާފުވި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ ދެ މީހުންނަކީ މަރަދޫފޭދޫ، އުއްމީދީވިލާ، އަޙްމަދު ޝަރަތު، 32، އާއި އެ އަވަށު ފަރިވިލާ، ޢާއިޝަތު ސަލީމް، 37، އެވެ.
އެ މީހުންގެ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން މި މަހުގެ 13 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފަ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ އަވަށު އުއްމީދު ގެ ބަންދުކުރީ މިދިޔަ މަހުގެ 15 ގަ އެއެވެ.
ކޯޓު އަމުރުގެ ދަށުން އެގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. އެހެންވެ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.