Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ޖަޕާނުން 152 މިލިއަން ޔެންގެ ސްކޮލަޝިޕް ދީފި

ޖަޕާނުން ރާއްޖެ އަށް ސްކޮލަޝިޕް އެހީގެ ގޮތުގައި 152 މިލިއަން ޖަޕަނީސް ޔެން ދީފި އެވެ.

އެ ގައުމުގެ ސަރުކާރުގެ ޕްރޮޖެކްޓް ފޮ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)ގެ ދަށުން މި އަހަރަށް ދިނުމަށް ނިންމި ސްކޮލަރޝިޕްތައް "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި މިއަދު ވަނީ ސޮއި ވެސް ކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން ދިނީ 152 މިލިއަން ޖަޕާނީސް ޔެން (1,020,134 ޑޮލަރު) އެވެ.

މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ ޢަބްދުއްޞަމަދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން 2020 އިން ފެށިގެން ދެއްވަމުން ގެންދާ މިއެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ލިބިގެންދެ އެވެ.

މި ސްކޮލަޝިޕް ޕްރޮގްރާމުގެ މަޤްޞަދަކީ މުސްތަޤްބަލުގައި އިޖުތިިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު އަދި ޤައުމު އާރާސްތު ކުރުމުގައި މުހިއްމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުމެވެ.

އެގޮތުން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 17 ދަރިވަރަކު ދަސްވެނިވެފައިވާ އިރު، މިހާރު ވެސް ޖަޕާނުގައި 9 ދަރިވަރަކު އަންނަނީ ކިޔަވަމުންނެވެ.