Last Updated: July 21, 15:15
Tuesday, July 21, 2026
ޚަބަރު

އަލަތު ކައިވެނި ހަފުލާތަކަށް ޖާގަ ހަމަޖައްސައި ދެނީ

އަލަތު ކައިވެނީގެ ހަފުލާތަކަށް މާލެ އިން ޖާގަ ހަމަޖައްސައި ދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގޮސްފައި ވަނީ މިއަދު ބޭއްވި ކައުންސިލްގެ 5 ވަނަ ރަސްމީ ޢާންމު ޖަލްސާގައެވެ.

އެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ މި ކަމަކީ މޭޔަރުއާ ދަމް ޢާޒިމްގެ ވަޢުދަކަށްވާތީ، ވީހާ ވެސް އަވަހަށް އެ ފުރުސަތު ފަހިކޮށް ދެވޭނެ ގޮތްތަކެއް ހަމަޖައްސައި ދޭން ޖެހޭ ކަމަށެވެ.

އޭނަގެ ވާހަކަތަކަށް ތާއީދު ކުރައްވައި ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަޙުމަދު ޣާލިބު ވިދާޅުވީ، ޒުވާނުންނަށް ކޮށްދެވޭ ކޮންމެ ކަމަކަށް، މުޅި ކައުންސިލްގެ އެއްބާރުލުން އޮންނާނެ ކަމަށެވެ. އަދި ފުރުޞަތުގެ މަޤުޞަދަކީ ކައިވެނިކުރާ ޒުވާނުންނަށް މާލީ ގޮތުން ލުއިތަކެއް ހޯދައި ދިނުން ކަމަށް ވިދާޅުވި އެވެ.

ޢާޒިމް ވަނީ، މި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް، ފައިނޭންޝަލް ބަޖެޓް ކޮމިޓީއަށް ފޮނުއްވައިފަ އެވެ. އެއީ މި ކަމަކީ ބަޖެޓާ ގުޅުންހުރި ކަމަކަށް ވާތީއެވެ. މީގެ އިތުރުން ސޯޝަލް ސާވިސް އެންޑް ޖެންޑާ އެންޑް ކޮމިއުނިޓީ ފޭސް ކޮމިޓީ ގުޅިގެން، ދެ ފަރާތުން ވާހަކަ ދައްކައިގެން ގޮތެއް ނިންމުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި، ކައުންސިލްގެ ދެން އޮންނަ ޖަލްސާއަކަށް މި މައްސަލަ ތާވަލުކުރާނެ އެވެ.