Last Updated: July 16, 18:01
Thursday, July 16, 2026
ދުނިޔެ

ޔޫކޭގެ ކުދިންނަށް ދަންވަރު ސޯޝަލް މީޑިއާ މަނާ

އިނގިރޭސިވިލާތުގެ އުމުރުން 16 އާއި 17 އަހަރުގެ ކުދިންނަށް ދަންވަރު ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭ ގޮތް ހަދަން ނިންމައިފި އެވެ.

މި ފިޔަވަޅާ އެކު ހެނދުނު 6 އާ ހަމައަށް ސޯޝަލް މީޑިއާ އެޕްތައް ބޭނުމެއް ނުކުރެވޭނެ އެވެ.

އިނގިރޭސިވިލާތުން މިފަދަ ފިޔަވަޅެއް އަޅަން ނިންމީ އެ ގައުމުގެ 16 އަހަރުން ދަށަށް އަންނަ އަހަރުގެ ތެރޭގައި ސޯޝަލް މީޑިއާ މަނާ ކުރަން ނިންމާފައިވާކަން މިދިޔަ މަހުގެ ތެރޭގައި އިއުލާން ވެސް ކޮށްފައި ވަނިކޮށެވެ.

މިފަދަ ފިޔަވަޅުތަކެއް ފަހަކަށް އައިސް އެކި ގައުމުތަކުން އަޅަމުން އަންނަނީ ސޯޝަލް މީޑިއާގެ ސަބަބުން ކުދިންނަށް ތަފާތު އެކި ކަހަލަ މައްސަލަތައް ކުރިމަތިވަމުންދާތީ އެވެ. ސްމާޓް ޑިވައިސްތަކާ އެކު ކުދިންގެ ސްކްރީން ޓައިމް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ސިއްހީ، އިޖުތުމާއި އަދި ނަފުސާނީ އެކި ކަހަލަ މައްސަލަތަކާ ދަނީ ކުރިމަތިވަމުންނެވެ.

އިނގިރޭސިވިލާތުން ބުނީ އެ ގައުމުގެ 16 އާއި 17 އަހަރުގެ ކުދިންނަށް ދަންވަރު ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭ ގޮތް ހެދުމުން ކުދިންނަށް ހަމަނިދި ލިބުމަށް މަގުފަހިވެ، ކުދިންްގެ ސިއްހަތަށާއި އުނގެނުން ފަދަ ކަންކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ކަން ތަންފީޒު ކުރަން ސޯޝަލް މީޑިއާ ކުންފުނިތަކަށް މަޖުބޫރުވާނެ ކަމަށާއި އެއީ ގާނޫނީ ގޮތުން ވެސް ކުންފުނިތަކުން ތަބާވާން ޖެހޭނެ ކަމެއް ކަމަށް އިނގިރޭސި އޮންލައިން ސޭފްޓީ މިނިސްޓަރު ކަނިޝްކާ ނާރަޔަން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މި އުސޫލަށް ޓެކް ކުންފުނިތަކުން އަމަލު ނުކުރާ ނަމަ ވަރުގަދަ ފިޔަވަޅުތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.