Last Updated: July 16, 18:01
Thursday, July 16, 2026
ރިޕޯޓް

ލޮލުގެ ސާޖަރީއަށް ފަހު ވުޟޫ ކުރާނީ ކިހިނެއް؟

ސުވާލު: ލޯސާޖަރީ ހެދީމާ މޫނުގައި ފެން ޖެއްސުން މަނާ އަދި ހިރަފުހާ ކައިރިވުން މަނާ ޛެން ވުޟޫ ކުރަން ހަދާނީ ކިހިނެއްތޯ؟

ޖަވާބު: الحمد لله والصلاة والسلام على رسول الله.

ޝައިޚް އިބްނު އުޘައިމީން ރަޙިމަހު ވިދާޅުވެފައިވެއެވެ. “ޠަހާރަތުގެ ގުނަވަނެއްގައި ޒަޚަމެއް ހުރެއްޖެ ނަމަ، އެއާ މެދު ކަންތައް ކުރަން ޖެހޭ ގޮތުގެ މަރުޙަލާތަކެއްވެ އެވެ.

ފުރަތަމަ މަރުޙަލާ: އެ ޒަޚަމަކީ ހާމައަށް އޮތް، އަދި ފެންޖެހުމުން ނުވަތަ ދޮވުމުން އޭގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވާ ތަނެއް ކަމުގައިވާ ނަމަ، އެ ގުނަވަނަކީ ދޮންނަން ޖެހޭ ގުނަވަނެއްގައިވާ ތަނެއް ނަމަ، އެތަން ދޮވުން ވާޖިބުވާނެ އެވެ.

ދެވަނަ މަރުޙަލާ: އެ ޒަޚަމަކީ ހާމައަށް އޮތް، ނަމަވެސް އެތަން ދޮވުމުން ގެއްލުންވާ، އަދި ފެން ފުހުމުން (މަސްޙުކުރުމުން) ގެއްލުން ނުވާ ތަނެއް ކަމުގައިވާ ނަމަ، އެ ހާލަތުގައި އެތަން ދޮވުމުގެ ބަދަލުގައި ފެންފުހުން (މަސްޙުކުރުން) ވާޖިބުވާނެ އެވެ.

ތިންވަނަ މަރުޙަލާ: އެ ޒަޚަމަކީ ހާމައަށް އޮތް، ނަމަވެސް އެތަން ދޮވުމުންނާއި ފުހުމުން (މަސްޙުކުރުމުން)ވެސް ގެއްލުންވާނެ ތަނެއް ކަމުގައިވާނަމަ، އެ ހާލަތުގައި އެ ގުނަވަނުގެ ބަދަލުގައި ތަޔައްމުމު ކުރަން ޖެހޭނެ އެވެ.

ހަތަރުވަނަ މަރުޙަލާ: އެ ޒަޚަމަކީ ޕްލާސްޓަރެއް ނުވަތަ އެފަދަ އެއްޗަކުން ބަންދުކޮށްފައިވާ، އަދި އެގޮތަށް ބަންދުކޮށްފައި ބެހެއްޓުން ކޮންމެހެން ބޭނުންތެރި ތަނެއް ކަމުގައިވާ ނަމަ، އެ ހާލަތުގައި އެ ބަންދުކޮށްފައިވާ ތަނުގެ މަތީގައި ފުހޭނީއެވެ. (މަސްޙުކުރާނީ އެވެ.) އެއިރުން އެ ގުނަވަން ދޮވުމުގެ ބަދަލުގައި އެކަން ފުދޭނެ އެވެ. އަދި އެކަމަށްޓަކައި ތަޔައްމުމު ކުރާކަށް ނުޖެހޭނެ އެވެ.”

(މަޞްދަރު: أركان الإسلام، ص234)

ސުވާލުގައިވާ ޙާލަތާ ގުޅެނީ މަތީގައި ވާ ހަތަރުވަނަ މަރުޙަލާއެވެ. އެހެންކަމުން، ލޮލުގެ އޮޕަރޭޝަނެއްކޮށްފައިވާ މީހަކު، އޭނާގެ ލޮލުގައި ބޭސްގަނޑެއް ނުވަތަ އެ ނޫން ވެސް އެއްޗެއް އަޅާފައިވާ ނަމަ، މޫނުން ފެން ޖެއްސެން ހުރި ތަންތަނުގައި ފެންޖައްސައިގެން ދޮންނަން ވާނެ އެވެ. އަދި ލޮލުގެ ތެރެއަށް ފެން ނުދާނޭހެން، ބޭސްގަނޑުގެ މަތީގައި ހަމައެކަނި ފުހެލުމުން ފުދޭނެ އެވެ. އެކަމުގެ ދަލީލުތަކަކީ؛

ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿لا يُكَلِّفُ الله نَفْسًا إلَّا وُسْعَهَا﴾ [البقرة:286]

“އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ ވަރަށް މެނުވީ އަހުރެން ތަކުލީފު ނުޖައްސަމެވެ.”

ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ﴾ التغابن: 16

މާނައީ: “ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން އަށް ތިޔަބައިމީހުން ބިރުވެތިވާށެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ.

((وَإِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ)) {رواه البخاري 7288 ومسلم 1337}

މާނައީ: “ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކަމަކަށް އަމުރެއްކޮށްފި ނަމަ، ތިޔަބައިމީހުނަށް ކެރިކުޅަދާނަވީ މިންވަރަކުން އެކަންކުރާށެވެ.”

ޝަރްޢީ ޤާޢިދާގައި ވަނީ މިފަދައިންނެވެ.

«المَيْسُورُ لَا يَسْقُطُ بِالمَعْسُورِ».

“އުނދަގޫ ކަމެއް ކުރިމަތިވުމަކީ، އެކަމަކުން ފަސޭހައިން ކުރެވެން އޮތް މިންވަރު ދޫކޮށްލުމަށް އޮތް އުޒުރެއް ނޫނެވެ.”

ކަމެއް އޭގެ ފުރިހަމަ ގޮތުގައި ކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، އެކަމަކުން ކުރެވެން އޮތް މިންވަރެއް ދޫކޮށްލުމެއް ނެތި އަދާކުރުމެވެ. މިއީ އިސްލާމީ ޝަރީޢަތުގެ ލުއިފަސޭހަކަމާއި، އިންސާނާއަށް ކުޅަދާނަވީ މިންވަރަކުން ތަކުލީފުތައް އުފުލުމަށް ބާރުއަޅާ މުހިންމު އުޞޫލެކެވެ.

މިސާލަކަށް، މީހެއްގެ ގުނަވަނެއްގައި ޒަޚަމެއް ހުރުމުގެ ސަބަބުން އެ ތަނުގައި ފެން ޖެއްސެން ނެތް ނަމަ، އެ ގުނަވަން ނުދޮވެ، ބާކީ ހުރި ގުނަވަންތައް ދޮވުން ވާޖިބުވާނެ އެވެ. އެއް ގުނަވަން ދޮންނަން އުނދަގޫވުމަކީ ނުވަތަ އެގުނަވަނުގައި ފެންޖެއްސުން މަނާވުމަކީ މުޅި ވުޟޫ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫނެވެ.

ޚުލާޞާކޮށް ދަންނަވާ ނަމަ، މިއީ “މުޅި އެތި ނުލިބުނަސް، ލިބުނު މިންވަރެއް ދޫކޮށްނުލުމުގެ” އުޞޫލެވެ.

ވުޟޫކުރަން ފަށާށެވެ. މޫނާ ހަމައަށް ދިޔުމުން، މޫނުގައި ފެން ޖެއްސުން އެއްވެސް ވަރަކަށް މަނާނަމަ ނުވަތަ މޫނުގައި ފެންޖެއްސޭނެ ގޮތެއް ނެތް ނަމަ، އެފަދަ ޙާލަތެއްގައި އެގުނަވަން ދޮވުމުގެ ބަދަލުގައި ތަޔައްމުމު ކުރާނީއެވެ. އޭރުން ބިންމަތިގައި ނުވަތަ ފާރުގައި ނުފަދަ އެފަދަ ތަނެއްގައި ދެ އަތްތިލަ ޖައްސާ، ދެއަތްތިލަ މޫނުން ފުހެވެން ހުރި ތަނެއްގައި ފުހެ، ދެއަތުގެ ނުފުށުގައި ކުޑަހުޅާ ހަމައަށް ފުހޭނީ އެވެ. ދެން ވުޟޫގެ ބާކީހުރިބައި ފުރިހަމަކުރާނީ އެވެ.

ތަޔައްމުމުކުރުން ވެސް މަނާ ނަމަ، ދެން ވުޟޫގެ ގުނަވަންތަކުން ދޮވެވެން ހުރި މިންވަރެއް ދޮވެ، މަނާކޮށްފައިވާ ގުނަވަން ފެން ނުޖައްސައި ދޫކޮށްލާނީ އެވެ.

ޝަރްޢީ ޤާޢިދާގައި ވަނީ މިފަދައިންނެވެ.

مُعْظَمَ الشَّيْءِ يَقُومُ مَقَامَ كُلِّهِ

“ކަމެއްގެ ނުވަތަ އެއްޗެއްގެ ބޮޑުބައި ފުރިހަމަވެފައިވުން، އެ މުޅި ކަން ނުވަތަ އެ އެތި އެކަމުގެ ޖުމްލަ މާނައިގައި ފުރިހަމަވުން ކަމަށް ބެލެވޭނެއެވެ.”

ޚުލާޞާ: ސުވާލުގައިވާ ޙާލަތުގައި ކަންކުރަންޖެހޭނެ ގޮތަކީ، ވުޟޫ ކުރަމުން ގޮސް މޫނު ދޮވުމާ ހަމައަށް ދިޔުމުން، މޫނުން ފެން ޖެއްސެން އޮތް ހިސާބުގައި ފެންޖައްސައި، ލޮލުގައި އަޅާފައިވާ ބޭސްގަނޑުގެ މަތިން ތެތްއަތް ހާކާލާނީއެވެ. ދެން ބާކީ ހުރި ގުނަވަންތައް ދޮންނާނީއެވެ. އޭރުން އިން ޝާ ތިޔަފަދަ ޙާލަތުގައި ވުޟޫ ކުރެވޭނެ އެންމެ ފުރިހަމަކޮށް ވުޟޫ ކުރެވުނީއެވެ. ވަ އަޢުލަމު.

ނޯޓް: މިއީ ޝައިޚް ޝަފީޢު ޢަބްދުﷲ ގެ ލިޔުއްވުމެކެވެ.