އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމުގައި މިހާރު މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭގެ ވަދާއީ ފިލްމު 'ޖާނާ ނަޔަގަން' މި މަހުގެ 23 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
މި ފިލްމަށް އެންމެ ފަހުން ތާރީހެއް ކަށަވަރުވެފައި ވަނީ އެކި ފަހަރު މަތިން ފިލްމު ފަސްކުރުމަށް ފަހު އެވެ. 'ޖާނާ ނަޔަގަން' ރިލީޒްކުރަން އެންމެ ފުރަތަމަ ތާވަލުކުރީ މި އަހަރުގެ ޖެނުއަރީއަށެވެ. އެކަމަކު ވަކި މުއްދަތެއް ނެތް ގޮތަށް ފިލްމު ފަސްކުރަން ޖެހުނީ ސެންސަރު ބޯޑްގައި ފިލްމު ތާށިވުމާ ގުޅިގެން ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.
މި މަހުގެ 23 ގައި ފިލްމު ސިނަމާތަކަށް ގެންނާނެކަން ކަށަވަރުކޮށް ދެއްވައި ވިޖޭ މިއަދު ވަނީ ފިލްމުގެ ޕޯސްޓަރެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފަ އެވެ.
ޕޮލިޓިކަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ 'ޖާނާ ނަޔަގަން' އަކީ އެޗް ވިނޯދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި ބޮބީ ޑިއޯލް، ޕޫޖާ ހެގްޅޭ، ޕްރަކާޝް ރާޖް، ޕްރިޔަމަނީ އަދި ނައްސާރް ފަދަ ތަރިން ހިމެނެ އެވެ.
ޓަމިނަލް ނާޑޫ ސްޓޭޓްގެ ސްޓޭޓް އެސެމްބްލީ އިންތިހާބު ވިޖޭގެ ޕާޓީ ޓަމިލަގަ ވެއްޓްރީ ކަޒަގަމް (ޓީވީކޭ) ކާމިޔާބުކުރީ މެއި މަހުގެ 4 ގައި ބޭއްވި އިންތިހާބުގަ އެވެ. އަދި ޗީފް މިނިސްޓަރުކަމުގެ ހުވާކުރީ އޭނަ ކުރެއްވީ އެ މަހުގެ 10 ގަ އެވެ.
އިންޑިއާގެ ދެކުނުގެ އެންމެ ނުފޫޒު ގަދަ އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިޖޭގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ ދަ ގްރޭޓެސްޓް އޮފް އޯލް ޓައިމް (ގޯޓް) އެވެ.