ފަރުމަހުގެ ބާވަތްތައް ސީދާ ރިސޯޓުތަކަށް ވިއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޛާކިރު ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، މާލެ ސަރަހައްދާއި ރިސޯޓުތައް ގިނަ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ރިސޯޓުތަކަށް މަސް ވިއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ އަބަދުވެސް ލިބެމުންދާ ކަމަށެވެ.
އެހެންވެ އެކަމަށް ހައްލެއް ހޯދައި ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވިދާޅުވި އެވެ. ޝިޔާމު ވިދާޅުވީ މަހުގެ ބާވަތްތައް ޕްރޮމޯޓުކުރުމަށްޓަކައި ކުންފުންޏެއް ހާއްސަކޮށްދެއްވާފައިވާ ކަމަށާއި، އެ ކުންފުނީގެ ބޭނުމަކީ ދިވެހި މަސްވެރިން ބާނާ މަސް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޕްރޮމޯޓްކޮށް، މަސްވެރިންނަށް އެ މަސް ވިއްކޭނެ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.
"އެގޮތުން ރާއްޖޭގެ ރިސޯޓުތަކާއެކު ޕްރޮމޯޝަން ކުންފުނިން އެބަ މަސައްކަތްތަކެއް ކުރޭ." މިނިސްޓަރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ބައެއް ސަރަހައްދުތަކުގެ ރިސޯޓުތަކަށް މަސް ވިއްކޭނެ އިންތިޒާމުތައް މަސްވެރިކަން ޕްރޮމޯޓް ކުރުމަށް އުފެއްދި ކުންފުނިން މިހާރު ވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މިކަމަށް އަދިއެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.