Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ޑީޕޯޓްކުރި ބިދޭސީން 12،500 އަށް ވުރެ ގިނަ

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅުނު 12،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ނޮވެމްބަރު 17، 2023 ގައި ފެށި މަސައްކަތުގެ ދަށުން ފެށިގެން މި މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް 12،552 ބިދޭސީން އެ މީހުންގެ އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

މީގެ ތެރޭގައި ޑީޕޯޓްކޮށްފައިވާ މީހުންނާއި، އެ ނޫންވެސް ގޮތްގޮތަށް ފޮނުވާލާފައިވާ މީހުން ހިމެނެ އެވެ. އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން 202،000 އަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާތަނަށް އެއްކޮށްފައިވެ އެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެ ނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރަން ވަނީ ނިންމައިފަ އެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް 6 މަސް ދުވަހު ކުރިއަށް ދާނެއެވެ. އެގޮތުން އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގައި ކުރިއަށް ދާނީ ބައޯމެޓްރިކް ޑޭޓާ މިހާތަނަށް ނުދީ ތިބި 2،895 މީހުން ހޯދައި އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތާއި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދައި ޑީޕޯޓު ކުުރުމުގެ އިތުރުން ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތެވެ.