Last Updated: July 21, 15:15
Tuesday, July 21, 2026
ޚަބަރު

ސެންޓާރާ ލެގޫންއާ ގުޅިގެން ޒުވާނުން ބިނާ ކުރަނީ

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ސެންޓާރާ ލެގޫން މޯލްޑިވްސްއާއެކު އެއްބަސްވެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުން ހަދާފައ ވަނީ އެ ރިސޯޓާއި ލޭބާ މިނިސްޓްރީއާ ދެމެދު އެވެ.

މިއީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ކުރިއަށް ގެންދާ "ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓަޑް ލޭބަ ސާވިސަސް" (ސެއިލްސް) މަޝްރޫޢުގެ ދަށުން ހެދި އެއްބަސްވުމެެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ފައިރޫޝް އެވެ. ސެންޓާރާ ލެގޫންގެ ފަރާތުން ސޮއިކުރެއްވީ ސެންޓާރާ މިރާޖް އަދި ގްރާންޑްގެ އެކްޓިން ކްލަސްޓަ ޖެނަރަލް މެނޭޖަރު ހޯހޭ ފަނަންޑޭޒެވެ.

އަންނަ އަހަރުގެ ނިޔަލަށް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަކީ ދިވެހި މަސައްކަތްތެރިންގެ ހުނަރު ތަރައްޤީކޮށް، ވަޒީފާގެ ބާޒާރަށް އެ ފަރާތްތައް އަހުލުވެރިކުރުވުމަށް ސަރުކާރުން އިސްކަންދީގެން ހިންގާ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކަށް ހުރި ފުރުޞަތުތައް ފަހިކޮށްދީ، އެ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކާ ގުޅުވައި ދިނުމެވެ. އެގޮތުން، ކެރިއަ ގައިޑަންސް ދިނުމާއި، ވަޒީފާ ހޯދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިތުރުން، ވަކި ދާއިރާތަކަކަށް އަމާޒުކޮށްގެން ހުނަރު ތަރައްޤީ ކުރުމުގެ ތަމްރީނުތަކާއި، އެޕްރެންޓިސްޝިޕް އަދި އިންޓާންޝިޕްގެ ފުރުޞަތުތައް މި މަޝްރޫޢުގެ ދަށުން ފޯރުކޮށް ދޭނެ އެވެ.

އަދި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭ އިންޓާންޝިޕް ޕްރޮގްރާމަކީ އަލަށް ދަސްވެނިވެފައިވާ ފަރާތްތަކަށާއި މަތީ ތަޢުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ޚާއްޞަކޮށްގެން 3-6 މަހާ ދެމެދުގެ މުއްދަތަކަށް ހިންގޭނެ ޕްރޮގްރާމެކެވެ.

މީގެ އިތުރުން،އޯލެވެލް ނިންމާފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން 1 އަހަރު ދުވަހުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދަން ރާވާފައިވެ އެވެ.

މި ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމާލާ ފަރާތްތަކަށް، އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރަށް ބަލައި ދާއިމީ ވަޒީފާ ލިބުމުގެ ފުރުޞަތު ވެސް ލިބިގެންދާ އެވެ.