މުޖުތަމަޢުތަކުގެ އަމިއްލަވަންތަކަމަކީ އެއްދުވަހަކުން ނުވަތަ ކުއްލިއަކަށް ފަނޑުވެގެންދާނެ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، އެ ބައެއްގެ ތާރީޚާއި، ސަގާފަތާއި، އަދި އަމިއްލަވަންތަކަން ބިނާވެފައިވާ މާދަރީ ބަހުން ވާހަކަދައްކަން ފަސްޖެހުމަކީ، އެ މުޖުތަމަޢެއްގެ ތަޞައްވުރު ފަނޑުވާން ފަށާކަމުގެ ނިޝާނެކެވެ.
ބަހަކީ ހަމައެކަނި މުޢާމަލާތް ކުރުމަށް ބޭނުންކުރާ ވަސީލަތެއް ނޫނެވެ. އެއީ މުޖުތަމަޢެއްގެ ޒަމާންވީ ހަނދާންތަކާއި، ކާބަފައިންގެ އަޑާއި، އަދި އަމިއްލަވަންތަކަމުގެ ވަރުގަދަ ބިންގަލެވެ. މުޖުތަމަޢެއްގެ އަހުލުވެރިން އެބައެއްގެ އަމިއްލަ ބަހުރުވައިން ވާހަކަދައްކަން ލަދުގަންނަން ފަށާ ހިސާބުން، އެ ބައެއްގެ ކިބައިގައިވާ ޚާއްޞަ ސިފަތަކާއި އަމިއްލަވަންތަކަން އުނިވާން ފަށައެވެ.
ދިވެހިރާއްޖެއަކީ އެއް ގައުމެއް ނަމަވެސް، މިއީ ދިވެހިބަހުގެ މުއްސަނދި އަދި ތަފާތު ބަހުރުވަތަކުގެ މަރުކަޒެކެވެ. ޤަރުނުތަކެއްގެ ތާރީޚަށް ބަލާއިރު، ރާއްޖޭގެ ކޮންމެ އަތޮޅަކަށް ޚާއްޞަ ލަފުޒުތަކާއި، ބަސްމަގާއި، އަދި ރާގުތަކެއް ވަނީ އުފެދިފައެވެ. މި ބަހުރުވަތަކަކީ އިޞްލާޙު ކުރަން ޖެހޭ "ކުށްތަކެއް" ނޫނެވެ. އެއީ އަޅުގަނޑުމެންގެ ޤައުމީ ތަރިކައިގެ ވަކިނުކުރެވޭނެ މުހިންމު ބައެކެވެ.
މި ބަހުރުވަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަހުރުވައަކީ އައްޑޫ ބަހުރުވައެވެ. އެއީ އައްޑޫގެ ރައްޔިތުންގެ ތާރީޚާއި، އާދަކާދަތަކާއި، އަދި އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ދިރިހުރި މިސާލެކެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން ބައެއް ފަރާތްތަކުން، ޚާއްޞަކޮށް މާލޭ ބަހުރުވައަކީ ދިވެހިބަހުގެ ހަމައެކަނި "ރަނގަޅު" ގޮތް ކަމަށް ދެކޭ ފަރާތްތަކުން، އެހެން ބަހުރުވަތަކަށް ދަށްކޮށްލުމުގެ ނަޒަރަކުން ބަލާފައިވެއެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން، މަލާމާތާއި ފާޑުކިޔުމަށް ޖެހިލުންވެ، ރަސްމީ މައިދާންތަކުގައި އަމިއްލަ ބަހުރުވައިން ވާހަކަދެއްކުން ދޫކޮށްލަންޖެހޭ ކަމުގެ އިހުސާސް ގިނަ ދިވެހިންނަށް ވަނީ ކުރެވިފައެވެ.
މިފަދަ ހާލަތެއްގައި، ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުން ފެނިގެންދާ މަންޒަރުތަކަކީ ވަރަށް މުހިންމު އަދި ފުން މާނައެއް އެކުލެވޭ ކަންތައްތަކެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދު ﷲ މުއްތަލިބު އެމަނިކުފާނުގެ އަމިއްލަ ރަށު ބަހުރުވައިން ވާހަކަދެއްކެވުމަށް ކުޑަކޮށް ފަސްޖެހިވަޑައިގަތް ނަމަވެސް، އެކަން ކުރެއްވުމުން މެންބަރު ސޯބެ ވަނީ އެކަމަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ސޯބެގެ މި އަމަލަކީ ހަމައެކަނި އޭނާ ދެއްކެވި ރިވެތި ނަމޫނާއެއް ނޫނެވެ. އެއީ އަމިއްލަ މާދަރީ ބަހުރުވައިން ވާހަކަދެއްކުމަކީ ލަދުގަންނަންޖެހޭ ނުވަތަ ފަސްޖެހެންޖެހޭ ކަމެއް ނޫންކަން ހަނދާންކޮށްދެއްވައި، މާދަރީ ބަހުރުވަތަކަށް އިހުތިރާމްކުރުމުގެ މުހިންމުކަން ހާމަކޮށްދެއްވި ވަރުގަދަ މެސެޖެކެވެ.
އޭގެ އިތުރުން، މެންބަރު ސޯބެ މަޖިލީހުގައި އައްޑޫ ބަހުރުވައިން ވާހަކަދެއްކެވުމަށް ނިންމެވި ނިންމެވުމަކީވެސް އެހާމެ މުހިންމު ކަމެކެވެ.
އޭނާ އެ ދެކޮޅުހައްދަވަނީ ގައުމީ ބަހަކަށް ނޫނެވެ. އޭނާ އެ ވާހަކަދައްކަވަނީ ދިވެހި ބަހުންނެވެ. އެއީ އޭނާގެ އަމިއްލަ ބަހުރުވައެވެ. މިކަމުގެ ސަބަބުން ދިވެހިބަހަކީ ހަމައެކަނި ވަކި ރަށަކަށް ނުވަތަ ވަކި ބަހުރުވައަކަށް ޚާއްޞަ އެއްޗެއް ނޫންކަމާއި، އެއީ ހުރިހާ ދިވެހިންގެ އެއްޗެއްކަން ހަނދާންކޮށްދެއެވެ.
އޭނާ އައްޑޫ ބަހުރުވަ ބޭނުންކުރެއްވުމުން ބައެއް ފަރާތްތަކުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. މިފަދަ ފާޑުކިޔުންތަކުން ދޭހަވަނީ ބަހަކީ ކޮބައިކަން އެފަދަ ފަރާތްތަކަށް ހަގީގަތުގައި ދެނެގަނެވިފައި ނެތްކަމެވެ. އެއް ބަހުރުވައަކަށް އިޙުތިރާމު ކުރުމަކީ އަނެއް ބަހުރުވައެއްގެ އަގުވެއްޓޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ބަހަވީ މުއްސަނދިކަން ބަލައިގަތުމަކީ މުޖުތަމައު ބައިބައިވުމުގެ ބަދަލުގައި ބަދަހިކޮށްދޭ ކަމެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެކި ސަރަހައްދުތަކުގެ ބަހުރުވަތަކާއި ރާގުތަކަކީ ފަޚުރުވެރިކަމާއެކު ފާހަގަކުރާ ކަންކަމެވެ. އެ ތަކެތި ރައްކާތެރިކުރަނީ އެއީ އެކި މުޖުތަމައުތަކުގެ ވާހަކަތައް ބުނެދޭ، އަދި ގައުމީ ބަސް މުއްސަނދިކޮށްދޭ އެއްޗަކަށްވާތީއެވެ. ދިވެހިރާއްޖެވެސް މިކަމުގައި ތަފާތުވެގެން ނުވާނެއެވެ. ބަހުރުވަތައް ރައްކާތެރިކުރުމަކީ ބައިބައިވުން އުފެއްދުމެއް ނޫނެވެ. އެއީ އެއްވެސް މުޖުތަމައަކަށް އެބައެއްގެ އަމިއްލަވަންތަކަމަކީ ދަށް އެއްޗެއް ކަމަށް އިހުސާސްވިޔަ ނުދިނުމެވެ.
އާންމު ދިރިއުޅުމުގައި މާދަރީ ބަސް ބޭނުންކުރުމަށް ގޮންޖެހުންތައް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، މިއީ ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުމެން އަމިއްލަ ބަހުރުވަތަކަށް ފުރަގަސްދޭން ފަށައިފިނަމަ، ދިވެހިބަހުގެ މުއްސަނދިކަން ކެނޑިގެންދިއުމުގެ ބިރު އެބައޮތެވެ.
ރައްޔިތުން ތަމްސީލުކުރާ ފަރާތްތަކަކީ އެބޭފުޅުންގެ ތަބައީ ބަހުރުވައިން ވާހަކަދެއްކުމަށް އެއްވެސް ހުރަހެއް އޮވެގެންވާނެ ބައެއް ނޫނެވެ. މަޖިލީހަކީ ހަމައެކަނި ސިޔާސަތުތަކުން ރައްޔިތުން ތަމްސީލުކުރާ ތަނަކަށް ވުމުގެ ބަދަލުގައި، ބަހުގެ ގޮތުންވެސް ކޮންމެ ދިވެއްސަކަށް އެމީހެއްގެ ބައިވެރިވުން އޮތްކަން އިހުސާސްވާ ތަނަކަށް ވާންޖެހެއެވެ. އައްޑޫއާއި، ފުވައްމުލަކާއި، ހުވަދޫ އަދި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގެ މީހުންނަށް، އެމީހުންގެ އަމިއްލަ ބަހުރުވައިން އިތުބާރާއެކު ވާހަކަދައްކާ އަޑު އިވުމުން، ގައުމުގެ އެންމެ މަތީ މުއައްސަސާގައި އެމީހުންގެ އަމިއްލަވަންތަކަމަށްވެސް ހައްގު މަގާމު އޮތްކަން އެނގިގެންދާނެއެވެ.
ބޯދާ ވިސްނުންތަކަށް ގޮންޖައްސަވައި، އަބުރުވެރިކަމާއެކު މެންބަރު ސޯބެ ދައްކަވާ މިސާލަކީ ބަލައިގަންނަންޖެހޭ ކަމެކެވެ. އޭނާ ދައްކަވައިދެއްވަނީ ބަހަވީ މުއްސަނދިކަމަކީ ފޮރުވަންޖެހޭ އެއްޗެއް ނޫންކަމާއި، އެއީ އިޙުތިރާމުކޮށް ފާހަގަކުރަންޖެހޭ ކަމެއް ކަމެވެ.
އެއްވެސް ބަހުރުވައަކީ އަނެއް ބަހުރުވައަށްވުރެ މަތިވެރި އެއްޗަކަށް ވެގެން ނުވާނެއެވެ. އަދި އެއްވެސް ދިވެއްސަކީ އެމީހެއްގެ ގޭގައި ވާހަކަދައްކާ ބަހުރުވައަކީ ދަށް އެއްޗެއް ކަމަށް އިހުސާސް ކުރަންޖެހޭނެ މީހަކަށްވެސް ވެގެން ނުވާނެއެވެ. ކޮންމެ ބަހުރުވައަކަށް އިޙުތިރާމުކުރާ މުޖުތަމައަކީ، ކޮންމެ މުޖުތަމައަކަށްވެސް އިޙުތިރާމުކުރާނެ ބައެކެވެ.
އަޅުގަނޑުމެންގެ ތެރޭގައި ހުރި ތަފާތު ބަހުރުވަތައް ހިމާޔަތްކުރުމަކީ، އަޅުގަނޑުމެންގެ މުއްސަނދި ތާރީޚު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ. ދިވެހިބަހުގެ އެކި ބަހުރުވަތަކަށް އިޙުތިރާމުކޮށް، އެ ބަހުރުވަތައް ދެމެހެއްޓުމަކީ ރާއްޖޭގެ ސަގާފީ ވަށައިޖެހުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.
އަޅުގަނޑުމެންގެ މާދަރީ ބަހާއި، އެ ބަހުގެ އެކި އޮފިތަކެއް ފަދަ ބަހުރުވަތައް ރައްކާތެރިކުރުމަކީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނިންމާލަމުން، އަދިވެސް އެއްފަހަރު މި މުހިންމު މަސައްކަތުގައި އިސްނަންގަވައިގެން ހިތްވަރާއެކު މަސައްކަތްކުރައްވާ މެމްބަރު ސޯބެއަށް ނުހަނު އިޚުލާޞްތެރިކަމާއެކު ސާބަހާއި ޝުކުރު ދަންނަވަމެވެ.