Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

'ހައިވާން' ގެ ޕޯސްޓަރުތަކެއް ދައްކާލައިފި

ގިނަ އަހަރުތަކެއް ފަހުން ބޮލީވުޑްގެ ތަރިން ކަމަށްވާ ސައިފް އަލީ ޚާނާއި އަކްޝޭ ކުމާރު އެކީގައި ކުޅުނު ފިލްމު 'ހައިވާން' ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

މި ތުރިލާ އަކީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި އަކްޝޭގެ ހޮރޯ-ކޮމެޑީ 'ބޫތު ބަނގްލާ' ވެސް ގެނެސްދިން ޑައިރެކްޓަރު ޕްރިދަރުޝަންގެ ފިލްމެކެވެ. މި އަހަރުގެ ސެޕްޓެމްބަރު 11 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ 'ހައިވާން' އަކީ ޕްރިޔަދަރުޝަންއާ އެކު ސައިފް މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

އޭނަ މި ފިލްމުގައި ލޯފަން މީހެއްގެ ރޯލު ކުޅެފައިވާ އިރު، އަކްޝޭ ފެންނާނީ ފިލްމުގެ ނެގަޓިވް ރޯލަކުންނެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ހައިވާން' އަކީ މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލާ އެކު 2016 ގައި ޕްރިޔަދަރުޝަން ގެނެސްދިން 'އޮއްޕަމް' ގެ ރިމޭކެކެވެ. އޭނަގެ ހާއްސަ ފެނިލުމެއް ވެސް އާ ފިލްމުގައި ހިމެނެ އެވެ.

'ހައިވާން' ގެ ކާސްޓްގައި ސައްޔާމީ ކޭރާއި ޝްރިޔާ ޕިލްގާއޯންކަރް ވެސް ހިމެނެ އެވެ.

ސައިފާއި އަކްޝޭ އެންމެ ފަހުން އެކީގައި ކުޅުނު ފިލްމަކީ ސައިފްގެ އަންހެނުން ކަރީނާ ކަޕޫރް ބަތަލާގެ ރޯލު ކުޅުނު 2008 'ތަޝަން' އެވެ. އެ ދެ ތަރިން އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި 'މޭ ކިލާޅީ ތޫ އަނާޅީ' އާއި 'ޔޭ ދިއްލަގީ' އަދި 'އާރްޒޫ' ހިމެނެ އެވެ.