Last Updated: July 16, 18:01
Thursday, July 16, 2026
ޚަބަރު

ދިޔާނާ ސަފީރަކަށް އައްޔަން ކުރަން ކޮމިޓީގެ ރުހުން

ޔޫރަޕިއަން ޔޫނިއަން އާއި ބެލްޖިއަމް ސަފީރުގެ މަގާމަށް ދިޔާނާ ސައީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ރުހުން ދީފި އެވެ.

ދިޔާނާ ސަފީރަޖަށް އައްޔަނުކުރުމާ މެދު ގޮތެއް ނިންމުމަށް އެދިވަޑައިގެން ރައީސް ޑރ. މުޙައްމަދު މަޖިލީހަށް ސިޓީއެއް ފޮނުއްވީ މި މަހުގެ 7 ގަ އެވެ. އެ ދުވަހު އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވި އެވެ.

ކޮމިޓީ މަރުހަލާގައި ދިޔާނާގެ ދިރާސާކުރުމަށް ފަހު ކޮމިޓީގެ މެންބަރުން ނިންމެވީ އޭނަ އަކީ މަގާމަށް ގާބިލު ޝަރުތުހަމަވާ ބޭފުޅެއް ކަމަށެވެ. އެހެންވެ ދިޔާނާ އީޔޫ އަދި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

ދިޔާނާ އަކީ އެޓާނީ ޖެނެރަލްކަމާއި ޖެންޑާ މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މި ސަރުކާރުން އޭނަ ސަފީރަކަށް އައްޔަން ކުރަން ނިންމާފައިވާ އިރު، މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ އެވެ. އެ މަގާމަށް ދިޔާނާ އައްޔަންކުރީ އޭޕްރިލް މަހުގެ ތެރޭގަ އެވެ.

އޭނަ ސަފީރަކަށް އައްޔަން ކުރުމުގެ މައްސަލައިގައި މަޖިލީހުގައި އެންމެ ފަހުގެ ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމަށް ނަން ހުށަހަޅައި ގޮތެއް ނިންމައިގެންނެވެ.