ކުރީގެ ސަރުކާރުގެ ދުވަސްވަރޔ އައްޑޫ ފެނަކާ ބްރާންޗުން ހިންގި މަޝްރޫއުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ބަލައި، އެކަމުގައި މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ފެނަކަ އައްޑޫ ބްރާންޗުން ހިންގި މަޝަރޫއުތަކާއި، ގުޅޭ އޮޑިޓް ރިޕޯޓް ދިރާސާ ކުރުމަށް ފަހު ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު 20 ހުށަހެޅުމެއް ހުށަހަޅާފައިވެ އެވެ. އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހަތަރު ހުށަހެޅުމެއް ހުށަހެޅުއްވި އެވެ.
މަމްދޫހު ހުށަހެޅުއްވީ، އޭރު މަޝްރޫއުތައް ހިންގި އިރު ހުންނެވި ބޯޑް އޮފް ޑިރެކްޓަރުނާއި ފައިސާ އަށް ހިޔާނަތްތެރިވެފައިވާ ފަރާތްތަށް ހޯދައި، އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންނަށާއި ފުލުހުންނަށް އަދި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށެވެ. އަދި ކުންފުނިން މުވައްޒަފުން ނެގުމުގައި އޮނިގަނޑެއް ކަނޑައަޅައި އެ އޮނިގަނޑާ އެއްގޮތަށް މުވައްޒަފުން ނެގުމާއި އެ އޮނިގަނޑު މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅުމަށެވެ.
މީގެ އިތުރުން ޕްރޮކިއުމަންޓް ޕޮލިސީ އިސްލާހު ކުރުމާއި، ޕެޓީ ކޭޝް ހަރަދުކުރާނެ ގޮތް އިސްލާހު ކުރުމާއި، ޕޭބަލްސްގެ ގޮތުގައި ކުންފުންޔަށް ލިބެން ޖެހޭ ފައިސާ ހޯދުމާއި، ކޮންމެ ފެނަކަ ބްރާންޗެއްގެ ނަމުގައި ވަކި ބޭންކް އެކައުންޓެއް ހުޅުވުމުގެ އިތުރުން ހަރަދުތައް ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ.
އަޒާން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި އެ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސިސީ) އަށް އެންގުމާއި، އައްޑޫ ފެނަކަ މުވައްޒަފުންގެ ތެރެއިން މި މައްސަލައިގައި ޝާމިލުވާ މުވައްޒަފުން ވަގުތީ ގޮތުން އެކަހެރިކުރުމާއި މަނީ ލޯންޑްރީންގެ ނަމުގައި ތަހުގީގެއް ހިންގަން ފުލުހަށް ހުށަހެޅުން ހިމެނެ އެވެ.
މަމްދޫހު ހުށަހެޅުއްވި ހުށަހެޅުންތައް ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ އިރު،އަޒާންގެ ހުށަހެޅުއްވުންތައް ފާސްކުރީ ހަތަރު މެންބަރެއްގެ ވޯޓާއެކު އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އައްޑޫގެ ފެނަކަ ބްރާންޗުން މަޝްރޫއުތައް ހިންގީ އެ ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށް ކަމަށާއި އަދި ކަރަންޓާއި ފެން ބިލްތަކުން ވެސް 77 މިލިއަން ރުފިޔާ ނުލިބި އެބައޮތެވެ.