މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެއާ އިންޑިއާގެ ބޯޓެއް ވެއްޓި ގިނަ އަދަދެއްގެ ބަޔަކު މަރުވި ހާދިސާގެ ތަހުގީގީ ރިޕޯޓް މި އަހަރުގެ އޮކްޓޯބަރު މަހަށް ނިމޭނެ ކަމަށް ބުނެފި އެވެ.
އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ އޭއޭއައިބީ) އިން ބުނީ ތަހުގީގުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ހަ ހަފުތާގެ ތެރޭގައި ރިޕޯޓްގެ މަސައްކަތް ނިންމައިލެވޭނެ ކަމަށެވެ.
ނަމަވެސް ރިޕޯޓް ނެރެވޭނެ ސީދާ ތާރީހެއް ނުވަތަ އެއިން ފާހަގަވި ކަންކަން ހިއްސާކުރާނެ ދުވަހެއް އޭއޭއައިބީން ހާމައެއް ނުކުރެ އެވެ.
އަންގާރަ ދުވަހު ސުޕްރީމް ކޯޓުގައި އޭއޭއައިބީން ބުނީ ބޯޓް ވެއްޓުނު ހާދިސާގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު އެއާ އިންޑިއާ ބޯޓް ވެއްޓުނު ހާދިސާގައި ޖުމްލަ 260 މީހަކު މަރުވި އެވެ. އެއީ ބޯޓުން ދަތުރުކުރި 242 މީހުންގެ ތެރެިން އެކަކު ފިޔަވައި އެންމެންނާއި ބޯޓް ވެއްޓުނު ސަރަހައްދުން މަރުވި 19 މީހެކެވެ. ބޯޓް ވެއްޓުނީ މެޑިކަލް ކޮލެޖެއްގެ ހޮސްޓެލްގެ މައްޗަށެވެ.
އަހުމަދުއާބާދުން ފުރައިގެން ލަންޑަށް ދަތުރު ފެށި ބޮއިން 787-8 ޑްރީމްލައިނާ ބޯޓް ވެއްޓުނީ އެއާޕޯޓިން ނައްޓައިލިތާ ގާތްގަނޑަކަށް 5 ވަރަކަށް މިނިޓް ފަހުންނެވެ.
މި ހާދިސާއާ ގުޅިގެން ހިންގާފައިވާ ތަހުގީހުގެ ތެރެއިން ކުރިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު، ބޯޓް ވެއްޓެން ދިމާވި މައިގަނޑު އެއް ސަބަބަކީ ބޯޓްގެ ދެ އިންޖީނަށް ތެޔޮ ފޮނުވާ ސްވިޗްތައް ނިއްވާލާފައި ހުރުން ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި އެ ސްވިޗްތައް ނިއްވާލާފައި ވަނީ ބޯޓް ވެއްޓުމުގެ ވަގުތުކޮޅެއް ކުރިން ކަމަށް ވެސް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.
މި ހާދިސާ އަކީ އިންޑިއާގެ އޭވިއޭޝަން ދާއިރާގައި މި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި ހާދިސާ އެވެ.